ރާއްޖެ އަށް މުދާ އިމްޕޯޓްކުރުމަށް ޓަކައި ގައުމަށް ލިބޭ އާމްދަނީގެ ކޮންމެ ރުފިޔާއަކުން 75 ލާރި ޑޮލަރަށް މާރުކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު ފަޒީލް ނަޖީބް އިއްޔެ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި އެގޮތުން ރާއްޖެ އަށް ލިބޭ އާމުދަނީގެ ކޮންމެ ރުފިޔާއަކުން 75 ލާރި ޑޮލަރަށް މާރުކުރަންޖެހޭ ކަމަށެވެ. ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ރިޒާވަށް ވެސް ހީނަރުކަން އަންނަނީ އިމްޕޯޓް އިތުރުވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގާތްގަނޑަކަށް ހުރިހާ އެއްޗެއް ވެސް އިމްޕޯޓް ކުރާ ބައެއް، އަޅުގަނޑުމެންގެ އިމްޕޯޓް އިންޓެންސިޓީ އަށް ބަލާކަމުގައިވާ ނަމަ އަޅުގަނޑުމެންގެ ނެޝަނަލް އިންކަމްގެ ޖީޑީޕީގެ ކޮންމެ ރުފިޔާ އަކުން ހަމައެކަނި މުދާ އެތެރެކުރަން ބެލިނަމަވެސް ގާތްގަނޑަކަށް 75 ލާރި އެބަޖެހޭ ޑޮލަރަށް މާރުކުރަން. އެއީ ހަމައެކަނި މުދާ އިމްޕޯޓްކުރަން. އަޅުގަނޑުމެން ބައިވަރު ސާވިސް ވެސް އިމްޕޯތްކުރަން ބޭރުގައުމުތަކަށް ކިޔަވާންށާއި ބޭސް ފަރުވާއަށް ވެސް އަދި ޗުއްޓީ އާއި މިހުރިހާ ކަމަކަށް ވެސް ދަން އެހެން ކަމުން އެ ހުރިހާ ކަމަކަށް މިއީ ވަރަށްބޮޑު އިމްޕޯޓް އިންޓެންސިޓީއެއް،" ގަވަރުނަރު ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް މިހާރު ގަވައިދެއް ޑްރާފްޓް ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަމާޒަކަށް ވާންވީ ޑޮލަރު ފަހަތުން ދުވާ ފައިސާ މަދުކުރަން ކަމަށާއި އެ މަސައްކަތްތައް އެމްއެމްއޭ އިން ވެސް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ބުރޯވިން ނީޑްސް (ދަރަންޏަށް ނަގަންޖެހޭ އަދަދު) ބޮޑު ކަމުން ބޭންކްތަކުން ޕްރައިވެޓް ސެކްޓާ އަށް ހޭދަކުރާ މިންވަރު މިދިޔަ އަހަރު ނުވަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި އަދި ސަރުކާރުގެ ބުރޯވިން މިހާ ބޮޑު ނަމަ އިންޓަރެސްޓް ރޭޓްތައް މަތިވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގައުމެއްގެ ގްރޮސް ރިޒާވްގައި ހަ މަސް ދުވަހަށްވާ ވަރަށް ފައިސާ ހުންނަން ޖެހޭ އިރު ރާއްޖޭގެ ގްރޮސް ރިޒާވްގައި މިހާރު ހުރީ ދެ މަސް ދުވަހަށްވާ ވަރަށް ކަމަށާއި އެއީ 344 މިލިއަން ޑޮލަރު ކަމަށް ގަވަރުނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ޕޭމަންޓްތަކަށް ބަލާ އިރު ޖޫން މަހުގެ ނިޔަލަށް ގްރޮސް ރިޒާވް 310 މިލިއަނަށް ތިރިވެދާނެ ކަމަށާއި އަދި ނެޓް ރިޒާވް ހުރީ 118 މިލިއަން ޑޮލަރުގައި ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.