ޑާކާ (އެޕްރީލް 25): ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކައިރީގައިވާ ސަވާރު އަވަށުގައި ބިނާކޮށްފައިވާ އަށް ބުރީގެ ޢިމާރާތެއް އިއްޔެ ވެއްޓުމުގެ ސަބަބުން މަރު ވިމީހުންގެ ޢަދަދު 148 އަށް އަރައިފި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި ވެއްޓިފައިވާ ޢިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުގައި އަދިވެސް އިތުރު ބަޔަކު ތާށިވެފައިވެދާނެ އެވެ. މިކަން ކަށަވަރުވެފައިނުވާތީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިޙާދިސާގައި 1000އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު ޒަޚަމްވެފައިވާ ބައެއްމީހުންގެ ޙާލު ދެރަކަމުން މަރުވާ މީހުންގެ ޢަދަދު އަދިވެސް އިތުވެދާނެ ކަމަށް އެގައުމުގެ ސިއްޙީ ދާއިރާތަކުން ބުނެ އެވެ. ވެއްޓިފައިވާ ޢިމާރާތުގެ ދަށުން މީހުން ސަލާމަތްކުރުމުގެ ކަންތަކުގައި އިސްކޮށް ޙަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ.
ޑާކާގައި އިއްޔެ ވެއްޓުނު ރަނާ ޕްލާޒާމާރާތަކީ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއަކާ، ބޭންކެއްގެ އިތުރުން، ބައެއް ފިހާރަތައްވެސް ހުންނަ އެކުވެނި ޢިމާރާތެކެވެ. މި ޢިމާރާތް ހުންނަނީ ޑާކާގެ ރަށްބޭރުން 30 ކިލޯމީޓަރު ދުރުގައިވާ ސަވާރު ސަރަހައްދުގަ އެވެ. ރޫޅިގެންމި ޢިމާރާތް ވެއްޓިފައި ވަނީ އެޢިމާރާތުގައި ގިނަ އަދަދެއްގެ މީހުން ޙަރަކާތްތެރިވަމުން ދިޔަ ވަގުތެއްގަ އެވެ. މިގޮތުން ޢިމާރާތް ވެއްޓުނު ވަގުތު އެ ޢިމާރާތުގައި 2000 އެއްހާ މީހުން ތިބި ކަމަށްވެ އެވެ. މި ހާދިޘާ ހިނގަން މެދުވެރިވީ ސަބަބު މުޅިންސާފުވެފައިނުވި ނަމަވެސް މިއީޢިމާރާތް ކުރުމުގެ މިންގަނޑުތަކާ ޚިލާފަށް މަކަރުހަދާފައިވާ ސިމެންތި ބޭނުންކޮށްގެން ބިނާކޮށްފައިވާ ޢިމާރާތެއްކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޢިމާރާތް ކުރުމުގެ މިންގަނޑުތަކާ ޚިލާފަށާއި މަކަރުހަދާފައިވާ ސިމެންތި ބޭނުންކޮށްގެން ބިނާކޮށްފައިވާ ޢިމާރާތްތައް ވެއްޓުމުގެ ހާދިސާތަކަކީ ބަންގްލަދޭޝްގައި ވަރަށް ގިނައިން ހިނގަމުންދާ ހާދިސާތަކެކެވެ. (ރޮއިޓާސް)