ދިގު މުއްދަތަކަށް ދާއިމީ ގޮތެއްގައި ކުދިންގެ ބެލެނިވެރިކަން ހަވާލުވެގެން، އެ ކުދިން ބޮޑެތިކޮށްދޭނެ ބަޔަކު ތިބިކަމަށްވާ ނަމަ، އެބަޔަކާ އެ ކުދިން ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ ވިލިނގިލީ ކުޑަކުދިންގެ ހިޔާގެ ލައިބްރަރީއާއި ކޮމްޕިއުޓަރު ލެބް ހުޅުއްވައިދެއްވުމާއި އެހިޔާގައި ތަފާތު ޕްރޮގްރާމްތައް އިފްތިތާޙުކޮށްދެއްވުމަށް އިއްޔެ ހަވީރު އެހިޔާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ނިސްބަތުން އަދި އާބާދީގެ ނިސްބަތުން މަދު ކުދިންކޮޅެއް ދައުލަތުގެ ބެލުމުގެ ދަށުގައި މިއަދު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހިޔާއަކީ ކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ވަގުތީ ގޮތުން ހެދިފައި ހުރި ތަނެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އަޅުގަނޑުމެންގެ މަގުސަދަކަށް ވާންޖެހޭނީ، އެކުދިން އަނބުރާ އެކުދިންގެ އާއިލާތަކަށް ރައްދުކޮށްދީ، އާއިލާގެ ފަރާތުން އެކުދިން ބެލެހެއްޓުން ކަމަށާއި، ދައުލަތުން އެކުދިން ބަލަހައްޓަނީ، ބައެއް ޢާއިލާތަކަށް ނުކުޅެދިގެންދާ ޙާލަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމަށް އެހެން ޙައްލެއް ހޯއްދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން، އެކުދިންގެ އަޞްލު ބެލެނިވެރިން ނުވަތަ މައިންބަފައިންނަށް، އެކުދިން ބެލެން ނެތް ކަމަށްވާ ނަމަ، ލޯތްބާ އެކީގައި އެކުދިން ބަލާނެ އެހެން ބަޔަކު ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އެފަދަ މަރުކަޒެއް ކިތަންމެ ރަނގަޅަށް ހިނގި ކަމުގައި ވިޔަސް، އެކުދިންނަށް ލިބެން ޖެހޭ މައިންބަފައިންގެ ލޯތްބާއި ޢާއިލާގެ ތެރެއިން ލިބެންޖެހޭ ލޯބި، އެ ކުދިންނަށް ނުލިބޭނެ ކަމަށާއި އެކަމުގެ އެންމެ ފުރިހަމަގޮތަކީ، ކުއްޖާދެކެ ލޯބިވާ ޢާއިލާއެއް ހޯދައިދިނުން ކަމުގައި ވިދާޅުވި އެވެ.

ކުޑަކުދިންނަކީ ވެސް ޙައްޤުތަކެއް ލިބިގެންވާ ބައެއް ކަމަށްވުމާ އެކު، އެކުދިންނަށް ދޭންޖެހޭ ތަޢުލީމްދީ، ފުރިހަމަ ޞިއްޙަތެއްގައި އެ ކުދިން ބޮޑެތިކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިންގެ މަސްއޫލިއްޔަތެއްކަމާއި ދީނީ އަދި ޤައުމީ ވާޖިބެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވި އެވެ. އަދި އެ ކުދިން ޙިމާޔަތްކޮށް، އެ ކުދިންގެ ޙައްގުތަކަށް ރައްކާތެރިވުމަކީ ވެސް ބޮޑެތި މީހުންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، އެއިން ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާ ޙައްޤުތައް އެކުދިންނަށް ލިބިދިނުމަށްޓަކައި އެންމެން މަސައްކަތް ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބެއް ހުޅުވި، އާޕްރޮގްރާމްތަކެއް ފެށިގެންދާތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި އޭގެ ސަބަބުން އެހިޔާގައި ކުދިން އުޅޭ އުޅުމަށް ވަރަށް ބޮޑު މުއްސަނދި ކަމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމައެއާއެކީގައި، ކުޑަކުދިން ވެސް ތިމާވެށީގެ ކަންކަމަށް ޝައުޤުވެރިކުރުވުމަށް ޓަކައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. އަދި މި ޕްރޮގްރާމްތައް ހިންގެވުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ގަސް ހެއްދުމުގެ ޕްރޮގްރާމް، އެމަނިކުފާނު ފަށްޓަވައިދެއްވި އެވެ. އަދި ކުޑަކުދިންގެ ހިޔާގެ ލައިބްރަރީއާއި ކޮމްޕިއުޓަރު ލެބް ހުޅުއްވައިދެއްވައި، ލީޑާޝިޕް ޕްރޮގްރާމާއި، އާޓް ކްލާސް ލިޓްރެސީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވި އެވެ. އަދި ލިޔަންކިޔަން ދަސްކޮށްދޭ ކްލާސްވެސް އެމަނިކުފާނު ހުޅުއްވައިދެއްވި އެވެ.