ޕާކިސްތާންގެ ލާހޫރުގައި އަންނަ މަހު އޮންނަ 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ސްކޮޑުގައި އާދިލް މުހައްމަދުގެ ނަން ހިމަނައި އޭނާ މުބާރާތުގައި ބައިވެރިކުރާން ބޮޑީބިލްޑިންގް ފެޑަރޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ޖެހިޖެހިގެން ދެ ފަހަރު މަތިން ހޯދައިފައިވާ ކަސްޓަމްސްގެ އާދިލް މުހައްމަދުގެ ނަން ގައުމީ ސްކޮޑުގައި ހިމެނި އިރު، މީގެ ކުރިން ބޮޑީބިލްޑިންގް ފެޑަރޭޝަނުން ނިންމާފައި ވަނީ މިފަހަރުގެ މުބާރާތުގައި އާދިލް ބައިވެރިނުކުރާން ކަމަށެވެ. އެ ފެޑަރޭޝަނުން އެގޮތަށް އޭރު ނިންމާފައި ވަނީ އާދިލާ ބެހޭ ގޮތުން ބޮޑީބިލްޑިންގް ފެޑަރޭޝަނުން ބަލަމުން އައި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ އަކީ ރާއްޖެ ޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގައި އޭނަ ދެއްކި ވާހަކައަކާ ގުޅިގެން ބަލަމުން އަންނަ މައްސަލައެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ. އަދި އާދިލްއާ ބެހޭ އެ މައްސަލަ ބަލަމުން އައިސްފައި ވަނީ އެ ފެޑަރޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީން އެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން މިއަދު ވިދާޅުވީ، މުބާރާތުގައި އާދިލް ބައިވެރިކުރާން ނިންމީ އޭނާއާ ބެހޭ ގޮތުން އެފެޑަރޭޝަނުން ބަލަމުންއާ މައްސަލައަށް ހައްލެއް ލިބުމުން ދެ ފަރާތުގެ އެއްބަސް ވުމަކާ އެކު ކަމަށެވެ. އަދި މިހާރު އާދިލްއާއި ފެޑަރޭޝަނާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އާދިލް އަށް މުބާރާތުގައި ވާދަކުރެވޭގޮތަށް ވަނީ ހަމަޖެހިފައި. މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން. ޓީމާ މެދު ވަރަށް އުންމީދު އެބޮތް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އަންނަ މޭމަހުގެ 3 އިން 6 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާންގެ ލާހޫރުގައި އޮންނަ އެމުބާރާތުގައި ވާދަކުރުމަށްދާ ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމުގައި މިހާރު ފަސް ބިލްޑަރުން ހިމެނޭ ކަމަށާއި އެގޮތުން މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް އަންނަ މަހުގެ ދެ ވަނަ ދުވަހު ޕާކިސްތާނަށް ދިއުމަށް ފުރާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ހަތަރު ކެޓަގަރީން ފަސް ބޮޑީ ބިލްޑަރުންނެވެ.

ރާއްޖެ އިން މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ބިލްޑަރުންނަކީ 55ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.

ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، މި އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެގޮތުން އެ މުބާރާތް މިހާރު ބާއްވާން ބޮޑީ ބިލްޑު އެސޯސިއޭޝަނުން ނިންމައިފައި ވަނީ އަންނަ ޖޫން މަހުގެ 28 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗަކީ އަބްދުލް ހަސީބު އެވެ.