ރޯމް (އެޕްރީލް 25): އިޓަލީގެ ރައީސް ޖޯޖިއޯ ނަޕޮލިޓާނޯ، އެގައުމުގެ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އެންރީކޯ ލެޓާ އާ ޙަވާލުކުރައްވައިފި އެވެ.

އުމުރުން 46 އަހަރުގެ އެންރީކޯ ލެޓާ އަކީ އިޓަލީގެ ވާތުފިޔައިގެ ޕާޓީއެއް ކަމަށްވާ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެވެ. އޭނާއަކީ އިޓަލީގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އުމުރުން ދުވަސްވީ ތަޖްރިބާކާރު ސިޔާސީ ލީޑަރުންނާ އަޅާބަލާ އިރު ތަޖްރިބާމަދު ޒުވާން ބޭފުޅެކެވެ. އެހެންކަމުން ޚުދު ލެޓާ ވެސްވަނީ ރައީސް ނަޕޮލިޓާނޯ، އޭނާ ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރެއްވުމުން އެކަމާ މެދު ހައިރާންވެވަޑައިގެންނެވިކަމަށް ވިދާޅުވެފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އިޓަލީގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމާ އެކު ވާދަވެރި ސިޔާސީ ބޮޑެތި ޕާޓީތަކުގެ މެދުގައި ދާދި އެއްނިސްބަތަކުން ޕާލަމެންޓްގެ ގޮނޑިތައް ބެހިގެންދިޔުމުން ކޯލިޝަން ސަރުކާރެއް ހެދުމުގައި މިފަރާތްތަކުގެ ޚިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. އެހެންކަމުން އިންތިޚާބަށް ފަހު ވެސް ވަގުތީ ސަރުކާރެއްގެ ގޮތުން ގައުމު ހިންގަމުން ގެންދަނީ އިސްތިއުފާ ދެއްވާފައިވާ ބޮޑުވަޒީރު މާރިޔޯ މޮންޓީގެ ސަރުކާރުންނެވެ.

ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރެވިފައިވާ އެންރީކޯ ލެޓާއަކީ ވާތުފިޔައިގެ ފިކުރުގެ ބޭފުޅެއްނަމަވެސް އޭނާއަކީ ކުރީގެ ބޮޑުވަޒީރު އަދި އިޓަލީގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ސިލްވިޔޯ ބާލުސްކޯނީ ފަދަ އިޓަލީގެ ކަނާތުފިޔައިގެ ޚިޔާލުގެ ލީޑަރުންގެ ތާއީދު ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންރީކޯ ލެޓާ އާ ކުރިމަތިވެވަޑައިގަންނަވާ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ އިޓަލީގެ ވާދަވެރި ވާތުފިޔައާއި ކަނާތުފިޔައިގެ ޕާޓީތައް ހިމެނޭ ގޮތަށް ކޯލިޝަން ސަރުކާރެއް އެކުލަވާލައިގެން އެގައުމަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ޙައްލެއްގެނަސް ހަމަޖެހޭ ސިޔާސީ މާޙައުލެއްގައި ގައުމުގައި ޤާއިމް ކުރުމެވެ. ނަމަވެސް ލެޓާ އެކުލަވާލައްވާ އައު ކޯލިޝަންގެ ކެބިނެޓްގައި ސިޔާސީ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ފަންނީ ޓެކްނޯކްރޭޓުން ހިމެނުމުގެ ވިސްނުން އޭނާ ގެންގުޅުއްވާ ކަމަށް މުރާސިލުން ބުނެ އެވެ. ލެޓާ ވަނީ އޭނާއާ ކުރިމަތިވެފައި ވަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ސިފަކުރައްވައި މިމަސައްކަތުގެ ޒިންމާ ރަނގަނޅަށް އެނގިވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ އަލަށް އެކުލަވާލާ ކޯލިޝަން ސަރުކާރުން އިސްކަންދޭނީ އިޓަލީގެ އިޤްތިސާދު ހީނަރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކަމުގަ އެވެ. މިގޮތުން އިޓަލީގެ އިޤްތިސާދު ހީނަރުވުމުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ފަގީރުކަމާއި ވަޒީފާނެތް މީހުންގެ މައްސަލަތައް ހައްލުކުރުމަށް ކޯލިޝަން ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ލެޓާ ވިދާޅުވި އެވެ. މީގެއިތުރުން އިޓަލީގެ ކުދިވިޔަފާރިތައް ބަނގުރޫޓް ވަމުންދިޔުމުގެ މައްސަލައަކީ ވެސް އިޓަލީގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ. މިމައްސަލަ ހައްލުކުރުމަށް ވެސް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ލެޓާ ވިދާޅުވި އެވެ.