25 Apr 2013, 09:29
ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވިޔަސް، އެ ކުއްޖެއްގެ މައްޗަށް ހުކުމް ތަންފީޒު ކުރެވޭނީ އުމުރުން 18 އަހަރުވުމުން ކަމަށް ގާނޫނުލް އުގޫބާތުގައި ހިމަނައިފި އެވެ.
އަށާރަ އަހަރުވުމުން ނޫނީ ޖިނާއީ ކުށުގެ އަދަބު ކުޑަކުދިނަށް ނުދިނުމަށް ގާނޫނުލް އުގޫބާތުގެ ޑްރާފްޓުގައި ކަނޑައެޅީ ކުޑަކުދިނަށް މަރުގެ އަދަބު ނުދިނުމާށާއި އެ ކުދިންގެ މައްޗަށް އެހެނިހެން އުގޫބާތްތައް ކަނޑަނޭޅުމަށް ގާނޫނުލް އުގޫބާތު ކޮމެޓީގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އެދުމުން ކަަމަށް އެ ކޮމެޓީން ބުންޏެވެ.
ގާނޫނުލް އުގޫބާތު ކޮމެޓީގެ މުގައްރިރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ކުޑަކުދިންނަށް ޖިނާއީ ކުށުގެ އަދަބު ނުދިނުމަށް ގާނޫނުލް އުގޫބާތުގައި ހިމަނާފައި ވިޔަސް 15 އަހަރުން މަތީގެ ކުދިނާއި ބާލިޣުވެފައިވާ ކުއްޖަކު އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއްކޮށްފި ނަމަ އެ ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގޭނެ ކަމަށެވެ. ނަމަވެސް އެ ކުއްޖެއްގެ މައްޗަށް ޝަރީއަތަށް ސާބިތުވާ ކުށުގެ ހުކުމް ތަންފީޒު ކުރަން ފަށާނީ އެ ހުކުމް ރައްދުވާ ކުއްޖާ އަށް އުމުރުން 18 އަހަރުވުމުން ކަމަށް ހަމްޒާ ވިދާޅުވި އެވެ.
"މީގައި ދެ އުމުރެއް އެބަ އޮވޭ. އެއީ ޖިންމާނީ ގޮތުން ބާލިޣުވުން ނުވަތަ ފުރާފުރިހަމަވުން. ދެ ވަނަ ގޮތަކީ ގާނޫނީ ގޮތުން ބޮޑުމީހެއްގެ ގޮތުގައި ބެލުން. ފަނަރަ އަހަރު ނުވިޔަސް ބާލިޣުވެފައިވާ ނަމަ އެ ކުއްޖެއްގެ މައްޗަށް ހައްދު ގާއިމް ކުރުމަށް ހުކުމް ކުރެވޭނެ. އެކަމަކު އެ އަދަބު ދޭނީ އުމުރުން 18 އަހަރުވުމުން،" އެޗްއާރްސީއެމް ހާޒިރު ކުރި އިއްޔެގެ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަސައްރަފު ފުދޭ އުމުރަކީ 15 އަހަރު ކަމަށް ހަމަޖައްސައި ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު އުފުލާ އުމުރަކީ 10 އަހަރަށް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ބުނެފައި ވާތީ، ތަސައްރަފު ފުދޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅުމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެކުލަވާލާފައިވާ ގާނޫނުލް އުގޫބާތުގެ ޑްރާޓުގައި ބުނެފައި ވަނީ ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލަންޖެހޭ އުމުރު ފެށޭނީ 14 އަހަރުން ކަމަށެވެ.
އިއްޔެގެ ކޮމެޓީގެ ބައްދަލުވުމުގައި އެޗްއާރްސީއެމްގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ 18 އަހަރު ނުވާ ކުޑަކުދިންގެ މައްޗަށް ކުރާ ޖީނާއީ ދައުވާތައް އެ ކުދިން ބޮޑުވުމަށް ފަހު ޝަރީއަތް ފެށުމަށް ގާނޫނުލް އުގޫބާތުގައި ބާރުއެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ކޮމެޓީގެ މުގައްރިރު ހަމްޒާ ވިދާޅުވީ އެފަދަ ގޮތަކަށް ދައުވާތައް ފަސްކުރުމަށް ލާޒިމް ކުރުމަށް ގާނޫނުލް އުގޫބާތުގައި ނިންމުމަކީ އިސްލާމީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހައްދުގެ ހުކުމްތައް ވެސް އޮންނަ އުސޫލުން ތަންފީޒު ކުރުމަށް ގާނޫނުލް އުގޫބާތުގައި ބާރު އަޅާފައިވާނެ އެވެ.
ޖީހާން ވިދާޅުވީ 18 އަހަރު ނުވާ ކުޑަކުދިންގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ރާއްޖެއިން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި މުހާއަހާތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ މުއާހަދާތަކާ ހިލާފަށް ރާއްޖެއިން އަމަލުކޮށްފި ނަމަ އަފްގާނިސްތާނާއި އިރާނަށް ކުރިމަތިވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިނަލް އުގުވާނީ މުޖުތަމައުތަކުން އަޅަން ފަށާފާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.
"ކިހިނެއްތޯ ވާނީ ބައިނަލް އަގުވާމީ މުއާހަދާގެ [ހިލާފުވުމުން[؟ އެ ސުވާލުގެ ޖަވާބަކީ އެހެން ގައުމުތަކަށް ވެފައި އޮތް ގޮތް ކަންނޭނގޭ އަޅުގަނޑުމެންނަށް އެގްޒާންޕަލްއަކަށް ނެގޭނީ. މިސާލަކަށް އަފްގާނިސްތާނާއި އީރާނުފަދަ ގައުމުތަކަށް އައިސްފައިވާ އެކިކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް. މިކަހަލަ ކަންތައްތަކެއް އަތުވެދާނެ. މިވެދާނެ މާ ދުރުގެ ވާހަކައެއް ކަމަށް. މި ވެދާނެ ދިވެހި ދައުލަތުން ނުވަތަ މުޖުތަމައުން ވެސް އަދި އެހެން ފަރާތަކުން ވެސް މިވަގުތު ވިސްނަން ބޭނުން ނުވާ ކަމަކަށް،" ޖީހާން ވިދާޅުވި އެވެ.
ޖީހާން އެގޮތަށް ވިދާޅުވުމުން ކޮމެޓީގެ މެންބަރުން ވިދާޅުވީ 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ހާލަތެއް އެ ބިލުގެ ސަބަބުން ނާންނާނެ ކަމަށާއި މަރުގެ އަދަބު ކުޑަކުއްޖެއްގެ މައްޗަށް ސާވިތުވި ނަމަވެސް އެ ހުކުމެއް ތަންފީޒު ކުރާނީ އެ ކުއްޖަކަށް 18 އަހަރުވުމުން ކަމަށެވެ.