ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި ރޮބާޓް ލުވެންޑޯސްކީ ކާމިޔާބު ކޮށްދިން ހަތަރު ލަނޑާއެކު، ހަތަރެއް އެކަކުން ރެއާލް ބަލިކޮށް ޑޯޓްމަންޑް ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅެ، ހޯސޭ މޮރީނިއޯގެ ވަރުގަދަ ރެއާލް ސިއްސުވާލި ފޯރިގަދަ ސެމީފައިނަލުގެ ފުރަތަމަ ލަނޑު ލުވަންޑޯސްކީ ކާމިޔާބުކޮށްފައިވަނީ މެޗުގެ އަށްވަނަ މިނިޓުގައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ރެއާލްގެ ޕޯޗްގީޒް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެކުލަބަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މުޅިމެޗުގައިވެސް އާދަޔާ ހިލާފު މޮޅުކުޅުމެއް ދައްކުވައިދިން ލުވެންޑޯސްކީ، ޑޯޓްމަންޑަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ މެޗުގެ 50 ވަނަ މިނިޓުގައެވެ. އަދި މެޗުގައި އޭނާހެދި ހެޓްރިކް ހަދާފައިވަނީ އޭގެ ފަސްމިނިޓުފަހުން ލަނޑެއް ކާމިޔާބު ކޮށްގެންނެވެ. ޑޯޓްމަންޑުގެ ހަތަރުވަނަ ލަނޑު ލުވެންޑޯސްކީ ކާމިޔާބު ކުރީ މެޗުގެ 67 ވަނަ މިނިޓުގައި އެކުލަބަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ތަފާތު ބޮޑު ނަތީޖާއަކުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ދެވަނަ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައިވާއިރު، ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ ބައްދަލު ކުރިމެޗު ހަތަރެއް ސުމެއްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބަޔާން އެވެ. އެހެން ކަމުން ވެމްބްލީގައި ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު ވެގެންދާނޭ ކަމަށް ބޮޑަށް ބެލެވެނީ ޖަރުމަނުގެ ފައިނަލަކަށެވެ.

ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލްގެ ދަނޑުގައި އެކުލަބާއި ޑޯޓްމަންޑު ބައްދަލު ކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ރާއްޖޭގަޑިން 11:45ގަ އެވެ.