ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދި ފައްކާވަމުން އަންނައިރުގައި، ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބާރަށް ކުރިއަށް ގެންދެވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވާ ވާހަކަ ދައްކަވަމުން، ހުރިހާ ޕާޓީއެއްގައި އިންތިޚާބުތައް ބޭއްވުމުގެ އުސޫލުތައް އެއްގޮތްވާކަށް ނުޖެހޭ ކަމުގައި ވިދާޅުވި އެވެ.


" އެއް ޕާޓީއެއްގައި އޮންނަ އިންތިޚާބުގެ އުސޫލުތަކާއި އަނެއް ޕާޓީއެއްގެ އިންތިޚާބީ އުސޫލުތައް ތަފާތުވެދާނެ. އެއީ އެޕާޓީއެއްގެ މެންބަރުން ނިންމާ ނިންމުމެއް." ރައީސް ވިދާޅުވި އެވެ.


މިމޭރުމުން ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕާޓީތައް މެދުވެރިކޮށްގެން ސިޔާސީ މަގާމުތަކަށް، ކަމަށް އެކަށީގެންވާ ޤާބިލް، ރައްޔިތުންގެ ރުހުން އޮތް ބޭބޭފުޅުން ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެންމެބޮޑު އެއް ބޭނުމަކީވެސް އެޤައުމެއްގެ ސިޔާސީ މަގާމުތަކަށް އިސްވާނެ ޤާބިލް ބޭފުޅުން އެކިތަންތަނުން ހޯދުމާއި، އިންތިޚާބުތައް މެދުވެރިކޮށް މަގާމުތަކަށް އައުމަށް އެބޭފުޅުންނަށް މަގުފަހިވާނެ ގޮތްތައް ފުރިހަމަ ކޮށްދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.


ޕާޓީއެއްގެ ބޭނުމަކީ ކެންޑިޑޭޓުން ބިނާކުރުން ކަމުގައިވާއިރު، އެ ކެންޑިޑޭޓުންނަކީ ވަކި ފިކުރެއްގައި، ވަކި ވިސްނުމެއްގައި ތިބޭ ކެންޑިޑޭޓުންނަށް ވާންޖެހޭ ކަމުގައި ވިދާޅުވި އެވެ. ހަމައެހެންމެ، ޕާޓީގެ ވިސްނުން އެ ކެންޑިޑޭޓުން ގެންގުޅެންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ މިއަދުގެ ހިތާބުގައި މިދިޔަ ހަފްތާގެ ތެރޭގައި، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ގުޅޭ ބޮޑު ދެމަޝްރޫޢެއް ފަށައިގަނެވިފައިވާތީ، އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ތިމަރަފުށީގައި ހަދަން ފެށުނު އެއަރޕޯޓްގެ މަސައްކަތުގެ ސަބަބުން ތ. އަތޮޅަށާއި، މުޅި އެ ސަރަޙައްދަށް ޓުއަރިޒަމްގެ ވިޔަފާރި ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.


މީގެއިތުރުން ސްކޫލްތަކުގެ ފަހު އިމްތިޙާނުގެ މައްޗަށް އަލިއަޅުވައިލައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކައިގައި މައިންބަފައިންވެސް ވީމިންވަރަކުން ވަގުތު ހުސްކުރައްވައިގެން، ކުދިންނަށް ފިލާވަޅު ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރެއްވި އެވެ.


"އަބަދު އަބަދު ތަކުރާރުކޮށް، އެކަމެއްގެ ފޯކަސް ނުގެއްލި، އެކަމެއް ކުރުން. އެއީ ކާމިޔާބުގެ ސިއްރަކީ. އަޅުގަނޑު އުންމީދު ކުރާނީ، ހުރިހާ ކުދިންވެސް މިރޫޙުގައި، މިޓެސްޓާ ދިމާއަށް މިޞްރާބު ޖަހާނެ ކަމަށް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.