24 Apr 2013, 23:43
ހޮންކޮންގުގެ ސަންހައިއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ތިނެއް ސުމެއްގެ ނަތީޖާއަކުން ސަންހައި ބަލިކޮށް އޭއެފްސީ ކަޕްގެ ދެވަނަ ބުރުން ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.
ހޮންކޮންގުގެ މޮންކޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނިއުއިން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އަނެއް ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރުއެވެ.
ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެ ހާފުގައި ނިއުއިންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައިވެވެސް ހުނަރުވެރި ފޯވަޑް އަލީ އަޝްފާގާ ނުލައި ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނިޓުގެ ތެރޭގައި ނިއުގެ ފުރަތަމަ ލަނޑު އެ ކުލަބަށް ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ. އަދި އޭގެ 10 މިނިޓުފަހުން ސެންޓޭވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ނިއުއަށް ފުޅާ ކޮށްދީފައެވެ. 86 ވަނަ މިނިޓުގައި ނިއުގެ ތިންވަނަ ލަނޑު އެކުލަބަށް ކާމިޔާބުކޮށް މުބާރާތުގައި ނިއުއިން ހޯދި ހަތަރުވަނަ މޮޅު ސީލުކޮށްދިނީ މުހައްމަދު އުމެއިރުއެވެ.
މިއަދުގެ މެޗުން މޮޅުވުމާއެކު ނިއުއިން އެވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދައި މީގެ އަށް އަހަރުކުރިން އެކުލަބުން ގާއިމު ކުރި ރެކޯޑާ ހަމައަށް ވާސިލުވެފައެވެ. ދެން އޮތީ މުބާރާތުގައި އިތުރަށް ކުރިއަށްގޮސް އައު ރެކޯޑެއް ގާއިމު ކުރުމެވެ.
އޭއެފްސީ ކަޕްގައި ނިއުރޭޑިއެންޓް ހިމެނޭ ގްރޫޕް އެފްގައި މިއަދު ކުޅުނު އަނެއް މެޗުން އިންޑޮނޭސިއާގެ ޕާސިބޯ އަތުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑް ހަތެއް އެކަކުން މޮޅުވުމުން ޕޮއިންޓުގެ ގޮތުންނާއި އަދި ފައިދާ ގޯލްގެ ގޮތުން ނިއުއާއި އެއްވަރުވެ ޖެހި ލަނޑުގެ ތަފާތުން ތާވަލުގެ ކުރި ލިބެނީ ޔަންގޮން އަށެވެ. އެކުލަބުން މުޅި މުބާރާތުގައި މިހާތަނަށް 16 ލަނޑު ޖަހާފައިވާއިރު ނިއުއަށް ކާމިޔާބު ކުރެވިފައިވަނީ 14 ލަނޑެވެ.
ދެވަނަ ބުރުގައި އެއް ލެގު އޮންނަ އިރު ގްރޫޕް ސްޓޭޖް ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމަކަށް ދެވަނަ ބުރުގެ ހޯމްއެޑްވާންޓޭޖް ލިބޭ ގޮތަށް ހަމަޖެހިފައިވާ އިރު އެއްވަނަ ކުލަބެއް އިނގޭނީ އަންނަ ހަފުތާގައި ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕު ސްޓޭޖްގެ ފަހު މެޗަށް ފަހުއެވެ. ޕާސިބޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއުއިން ނުކުންނަ އިރު ޔަންގޮންގެ އަމިއްލަ ދަނޑުގައި އެކުލަބު ނުކުންނާނީ ސަންހައިއާ ދެކޮޅަށެވެ.
މެޗަށްފަހު ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ މިއަދުގެ މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް އޭނާގެ ކުލަބުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި އަދި ގްރޫޕުގެ އެއްވަނަ ހޯދާ ކުލަބަކަށް ދެވަނަ ބުރު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް އޮންނައިރު ނިއުގެ އަމާޒަށް ވާސިލުވުމަށްޓަކައި އިތުރު ހިތްވަރެއް ލާންޖެހޭ ކަމަށެވެ.