24 Apr 2013, 21:44
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު ޕްރިމިއާ ލީގުގެ މެޗުގައި ޗެލްސީގެ ބްރެނިސްލޯ އިވަނޯވިޗްގެ އަތުގައި ދަތްއެޅި މައްސަލައިގާ ލިވަޕޫލުގެ ފޯވަޑް ލުއިސް ސުއަރޭޒް 10 މެޗަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލާއި ޗެލްސީ 2-2ން އެއްވަރުވި އެ މެޗުގައި އުމުރުން 26 އަހަރުގެ ސުއަރޭޒް އިވަނޯވިޗްގެ އަތުގައި ދަތް އެޅީ ޕެނަލްޓީއޭރިޔާ ތެރޭގައި އެ ދެކުޅުންތެރިންގެ ދެމެދުގައި ހިނގި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމަކަށްފަހު އެވެ. އެހެން ނަމަވެސް ސުއަރޭޒްވަނީ މެޗު ނިމުމުން އޭނާގެ އެ ކުށް ގަބޫލުކޮށް އިވަނޯވިޗްގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އޭނގެ އެއް ދުވަސް ފަހުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައި ވަނީ "އަހަރެން އިވަނޯވިޗަށް ފޯނުކޮށްގެން ގުޅާފައި މައާފަށް އެދިއްޖެއިން. އަދީ އޭނާ އެކަންގަބޫލު ކުރީތީ ޝުކުރުވެރިވަން" ކަމަށެވެ. އަދި އެހެން ޓްވީޓެއްގައި ކުލަބުން އޭނާ ޖޫރިމަނާ ކޮށްފި ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި އޭނާ ދެއްކި ފައިސާ ހިލްސްބަރާ ފެމިލީ ގްރޫޕަށް ހަދިޔާ ކުރުމަށް އެދިފައިވާނޭ ކަމަށް ލިޔެފައިވެ އެވެ.
ސުއަރޭޒް ހިންގި ކުޅިވަރުގެ ރޫހާ ހިލާފް އެ އަމަލާ ގުޅިގެން އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން އޭނާ މިއަދު 10 މެޗަށް ސަސްޕެންޑްކޮށްފައި ވާއިރު، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހާ ހަމައަށް އޭނާ ކުޅެމުން އަންނަ ލިވަޕޫލަށް އެބަ އޮތެވެ. އެކަމަކު މިހާ ހަރުކަށި ގޮތަކަށް އެފްއޭ އިން ނިންމުމުން ލިވަޕޫލް ވަނީ ހައިރާންވެފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި އެފްއޭއިން ސުއަރޭޒްއާ ބެހޭ ގޮތުން އެޅި ފިޔަވަޅުގެ ސަބަބުން އިނގިރޭސި ބައެއް މީޑިއާތަކަށް އޭނަ މިއަދު ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، އެ ފިޔަވަޅާ މެދު އޭނަ ހިތް ހަމަނުޖެހޭ ކަމަށެވެ. އަދި 10 މެޗަށް ސަސްޕެންޑް ކުރުމަކީ ގަބޫލްކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ސުއަރޭޒްގެ ފުށުން އެފަދަ އަމަލުތައް ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫން ކަން ސިފަކުރަމުން އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ ސަސްޕެންޝަނާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރުދުވަހުގެ ނިޔަލަށް ސުއަރޭޒަށް އޮންނާނެ ކަމަށެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން މިއަދު ބުނެފައި ވަނީ ސުއަރޭޒް އަޔެކްސް އަށް ކުޅުނުއިރު ވެސް ޕީއެސްވީ އެއިންދޮވަންގެ މިޑްފީލްޑަރެއްގެ އަތުގައި ދަތް އެޅުމުން އެފަހަރު ހަތް މެޗަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި ލިވަޕޫލަށް ބަދަލުވި ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ޕެޓްރިސް އެވްރާއާ ނަސްލީގޮތުން ދިމާކުރުމުގެ ސަބަބުން އަށް މެޗަށް ސަސްޕެންޑުކޮށް 40000 ޕައުންޑުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސުއަރޭޒްއަށް އެފްއޭއިން މިއަދު ފިޔަވަޅު އަޅާފައި ވަނީ އޭނާގެ މައްސަލަ ބެލި ތިން މީހުންގެ މައްޗަށް އެކުވެލޭ ޕެނަލްއަކުންނެވެ.
ލިވަޕޫލަށް މިސީޒަންގައި 30 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން ޕީއެފްއޭގެ ޕްލޭޔާ އޮފްދަ އިޔާއަށް ވާދަކުރާ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުއަރޭޒްގެ ފަރާތުން އެފަދަ އަމަލުތަކެއް ތަކުރާރުވެފައި ވީނަމަވެސް ލިވަޕޫލުން ބުނީ އެ ކުލަބުން އޭނާ ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އެހެންނަމަވެސް ކުލަބުގެ މެނޭޖްމަންޓުން އޭނަ އެފަދަ އަމަލެއް ކުރުމުން ހިތްހަމަނުޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.