އެމެނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ އޮފީހުގެ، ރީޖަނަލް ޑައިރެކްޓަރު، ޕޮލީ ޕްރެސްކޮޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

ރައީސއ އޮފީހުން މިއަދު ނެރުނު ބަޔާނެގައި ބުނެފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ގާއިމުކުރުމަށް ޓަކައި ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ރީޖަނަލް ޑިރެކްޓަރަށް ދެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރުގެ މިލްކުގައި މީޑިއާއެއް ނެތި ވެރިކަން ހިންގާ ފުރަތަމަ ދައުރުކަން ފާހަގަކުރައްވަމުން، އިންސާނީ ޙައްގުތައް ރައްކާތެރިކުރުމަށް ޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ އިތުރުން، ރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އިންސާނީ ޙައްޤުތައް ނަގަހައްޓައި ދެމެހެއްޓޭނެ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރުމަށް ޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީތެރިކަމާއި ތާއީދު ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިންސާނީ ޙައްގު ރައްކާތެރިކުރުމުގެ ދާއިރާގަޔާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާގައި މިވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ޕޮލީ ޕްރެސްކޮޓްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.