24 Apr 2013, 18:41
ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވުމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ޝަރީއަތް ކުރެވޭނެ ގޮތެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ގއ. ގެމަނަފުށީ ރަންކޮކާގޭ ނަދީފް މުހައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވިޔަފާރި ކުރުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އަށް ބަލާއިރު އެއީ 2008 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެއް ކަމަށެވެ.
މަނިކު ވިދާޅުވީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެދުވަހުގެ ޝަރީއަތުގައި ދައުވާ އަށް އިންކާރު ކުރުމަށް ފަހު ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދުމުން ކޯޓުން އެ ފުރުސަތު ނަދީފު އަށް ދީފައިވާ ކަމަށާއި ނަމަވެސް އޭގެފަހުން އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތެއް ނުވި ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ގއ. ގެމަނަފުށީ ރަންކޮކާގޭ ނަދީފް މުހައްމަދު ގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ. އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ބޭއްވީ 17 އޭޕްރީލް 2011 ވަނަ ދުވަހު. އެދުވަހު ނަދީފް ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް ބުނެފައި. އޭނާ އެދުނު ގޮތަށް ކޯޓުން ވަނީ އެ ފުރުސަތު ދީފައި. ނަމަވެސް އޭގެފަހުން އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތެއް ނުވި،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފަހު އިތުރު ނުވަ ދުވަހަކު އެ މައްސަލަ ޝެޑިއުލް ކުރި ކަމަށާއި ނަމަވެސް އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވުމުން ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނަދީފް އުޅޭތަނެއް އެނގިފައިނުވާތީ ކޯޓަށް ހާރިރުވާން އޭނާއަށް ޗިޓް ހަވާލުކުރެވޭނެ ގޮތެއް ނުވުމުން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން އެ ކޯޓަށް ފޮނުވި ސިޓީއެއްގައި، ތަކުރާރުކޮށް ކުރި މަސައްކަތުން އޭނާ ހޯދައި ނުފެނުނުކަމަށް ބުނެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ފުލުހުން ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ ނަދީފް މުހައްމަދު ހޯދަން ކުރި މަސައްކަތުން އޭނާ ނުފެނުނު ކަމަށް. ފުލުހުން އަންގާފައި ވަނީ އޭނާ އުޅެނީ މާލޭގައި ކަމަށާއި ނަމަވެސް ދިރިއުޅޭ އެޑްރެހެއް ނޭނގޭ ކަމަށް އޭނާގެ މަންމަ އާއި އާއިލާއިން ބުނެފައިވާ ކަމަށް،" މަނިކު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ 7:30 އެހައިކަންހާއިރު އޭނާ ގެންގުޅޭ ކޯޓެއްގެ ތެރެއިންނާއި އޭނާގެ ޖީންސްގެ ޖީބުން މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ނަދީފް ހޯދުމަށް ދެ އަހަރު ވަންދެން ފުލުހުން ކުރި މަސައްކަތުން އޭނާ އުޅޭތަނެއް އެނގިފައި ނުވާކަމަށް ފުލުހުން ބުނާއިރު އެމްޑީޕީގެ މުޒާހަރާކަތުން ސަންގެ ނޫސްވެރިންނަށް އޭނާ ވަރަށް ގިނައިން ފެނެއެވެ. މިއަހަރާއި މިދިޔަ އަހަރު އެމްޑީޕީން ބޭއްވި އެކިއެކި މުޒާހަރާތަކުގައި އޭނާ އުޅެނިކޮށް ސަންގެ ނޫސްވެރިންނަށް ފެނިފައި ވެއެވެ.
އޭނާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށް ފުލުހުން ބުނާއިރު ކޯޓުތަކުން ހޯދަން ބޭނުންވެގެން ނުފެނިގެން އުޅޭ މީހުން ހޯދުމަށް މީޑިއާ މެދުވެރިކޮށް އިއުލާން ކުރުމަކީ ފުލުހުން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް ނަދީފް އުޅޭތަނެއް ނޭގިގެން އޭނާ ހޯދުމަށް އެންމެ ފަހަރަކު ވެސް ފުލުހުން އިއުލާން ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.