24 Apr 2013, 18:33
ރާއްޖެ އެތެރެ ކުރާ ބަނގުރަލާއި އޫރުމަސް އެތެރެ ކުރުން ކުއްލިއަކަށް މަނާ ކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ފޫނުބެދޭ ވަރުގެ ގެއްލުން ތަކެއް ކުރިމަތި ވެދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރަމުންދާ ރާއްޖެ އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ބެހޭ ގޮތުން އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ފަތުރުވެރި ކަމުގެ ދާއިރާއަކީ ދައުލަތަށް ލިބޭ އާންމުދަނީގެ 60 އިންސައްތަ ހިއްސާ ކުރާ ދާއިރާ ކަމަށާއި އަދި އެ ދާއިރާއަކީ ރާއްޖޭގެ ފޮރިންއެކްސްޗޭންޖްގެ 90 އިންސައްތަ ހިއްސާ ކުރާ ދާއިރާ ކަމަށެވެ.
"ފަތުރުވެރި ކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ 60 އިންސައްތަ ހިއްސާ ކުރާ ދާއިރާ. އަދި ރާއްޖޭގެ ފޮރިން އެކްސްޝޭންޖްގެ 90 އިންސައްތަ ހިއްސާ ކުރާ ދާއިރާ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައްޓަން ކުރެވިފައިވާ ގޮތުން ބަނގުރަލާއި އޫރުމަހަކީ މި ދާއިރާ އަށް ވަރަށް މުހިންމު ޕްރޮޑަކްޓް ތަކެއް. އެ ޕްރޮޑަކްޓް ތައް ރާއްޖެ އެތެރެ މި ކުރަނީ ފަތުރުވެރިންނަށް ހާއްސަ ކުރެވިގެން. އެހެން ވީމަ އަޅުގަނޑު ދައްނަވާނީ މި ޕްރޮޑަކްޓްތައް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަކީ ނުވަތަ ކުއްލިއަކަށް މަނާ ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމެއް،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދުވަސްވަރަކީ ފަތުރުވެރިކަން ރާއްޖޭގެ އިގްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ދުވަސްވަރެއް ކަމަށާއި އެހެން ކަމުން ފަތުރުވެރިކަމާ ގުޅުން ހުރި އެއްވެސް ކަމަކަށް ބަދަލުގެނައުމުގެ ކުރިން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭނެ ކަމަށެވެ. އަދީބް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި އެއްވެސް ބާވަތަކުން ލިބޭ އާމްދަނީ އެއް ހުއްޓުމަކަށް ގެންނަން ޖެހޭނީ ލިބޭ އާންމުދަނީ އަށް ބުރުނާރާފަދަ ގޮތަކަށް ކަމަށެވެ.
ކޮމެޓީއަށް ހާޒިރުކުރި އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބަނގުރަލާއި އޫރުމަހަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ތަކެތި ކަމަށާއި ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ އެއްޗެއް ވިއްކައިގެން ލިބޭ އާންމުދަނީ މިސްކިއްތައް ބިނާ ކުރުމަށާއި އަދި ރައްޔިތުގެ ކެއިންބުއިމުގައި ބޭނުން ކުރުން އެއީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ދުނިޔޭގެ އެހެން އިސްލާމީ ގައުމު ތަކުގައި ވެސް ބަނގުރަލާއި އޫރުމަސް އެތެރެ ނުކޮށް ނުވަތަ ފަތުވެރި ކަމުގައި ބޭނުން ނުކުރާ ގައުމުތައް އެބަހުރި ކަމަށެވެ. އެގޮތުން މިސްރާއި ތުރުކީ ވިލާތު މިނިސްޓަރު ފާހަނގަ ކުރެއްވި އެވެ.
"ރާއްޖޭގައިވެސް އިސްލާމް ދީން ހުއްދާކުރާ ގޮތަށް ޓޫރިޒަމްގެ ވިޔަފާރި ހިންގިދާނެ، ގިނަ ގައުމުތަކެއްގައި، ތުރުކީ ވިލާތު ފަދަ މިސްރު ފަދަ ގައުމުތަކުގަވެސް ރާ އާއިނުލާ ޓޫރިޒަމް ހިންގާ، އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގަވެސް ރާ އާއި ނުލާ ޓޫރިޒަމް ހިންގާކަމުގެ މައުލޫމާތު ލިބޭ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.