24 Apr 2013, 17:27
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ މައްސަލައިގައި މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) އިން އުއްތަމަ ފަނޑިޔާރު އަލް އުސްތާޒް އަހުމަދު ފާއިޒް ހުސެއިން އާއި ބައްދަލު ކޮށްފި އެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު ސުޕްރީމް ކޯޓުގައި ކަމަށް އެމްޑީއޭގެ ފަރާތުން މައުލޫމާތު ދެއްވި އެވެ.
އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސަން އަށް މިއަދު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީ ތަކުގެ ގާނޫނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުން ތަކާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި އެވެ. އެ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް މި ބައްދަލުކުރެއްވުމުގައި އެމްޑީއޭގެ ފަރާތުން އެދިވަޑައިގެންނެވި ކަމަށް އާމިރު ވިދާޅުވި އެވެ.
"އެމްޑީއޭ އިން އަބަދުވެސް މަސައްކަތް މި ކުރަނީ ގާނޫނުގެ ތެރެއިން ކަންކަމަށް ހައްލު ހޯދަން. އެ ގޮތުގެ މަތީން އަޅުގަނޑުމެން އުއްތަމަ ފަނޑިޔާރާ މި ބައްދަލުކުރީ. ބައްދަލުކުރުމުގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުން. އަދި ދިމާވެގެން މި އުޅޭ މައްސަލައަށް ގާނޫނުގެ ތެރެއިން އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ދެންނެވުން. ކޯޓުން ނިމިގެން އަންނަ ކޮންމެ ގޮތަކަށް އަޅުގަނޑުމެން ފުރިހަޔަމަށް ބޯލަނބާނަން. އެކަމަކު އެކަން އަވަސްވުން ބޭނުމަކީ،" އާމިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ މައްސަލައިގައި މިހާރު ކަންތައްތައް ދިމާވެފައިވާ ގޮތުން، އެ ކަމުގެ ސަބަބުން ޕާޓީ ތަކަށް ދަތިތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވި ކަމަށެވެ. ސިޔާސީ ޕާޓީ ތަކުގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، އެހާތަނަށް 10000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިން އެ ކޮމިޝަނުން ވަނީ 10000 މެންބަރުން ހަމަނުވެ ހުރި ކަމަށް ބުނެ ބައެއް ޕާޓީ ތައް އެ ކޮމިޝަނުގެ ދަފުތަރުން ވެސް އުނިކޮށްފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ތަފާތު ތިން މައްސަލަ އެއް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަތަކާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރީން، ސިޔާސީ ޕާޓީއެއް އުވިދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަންފީޒު ކުރުމުގެ ކުރީން 10000 އަށް ވުރެ ގިނަ މެންބަރޝިޕް ފޯމު އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާނޭ ކަމަށް ބައެއް ސިޔާސީ ޕާޓީ ތަކުން ވަނީ ބުނެފަ އެވެ. އެ ގޮތުން ގައުމީ އިއްތިހާދު ޕާޓީ ކުރިން ބުނެފައި ވަނީ 10000 އަށް ވުރެ ގިނަ ފޯމު އެ ބިލް ތަސްދީގު ކުރުމުގެ ކުރީން އެ ޕާޓީން އިލެކްޝަންސް އަށް ހުށަހެޅި ކަމަށެވެ. އަދި އެމްޑީއޭ އިން ބުނެފައިވާ ގޮތުގައި އެ ޕާޓީން ވަނީ ރައީސް ބިލް ތަސްދީގު ކުރުމުގެ ކުރީން 13000 އާއި ގާތް ކުރާ އަދަދެއްގެ ފޯމު އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.