24 Apr 2013, 17:09
ޖަލުގައި ތިބި 1500 ގައިދީންގެ ތެރެއިން 400 މީހުންގެ އައިޑީކާޑުއާ ކުރުމުގެ މަސައްކަތް އިލެކްޝަނުން ކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަނުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަނުގެ މެމްބަރު އަލީ މުހައްމަދު މަނިކު މިއަދު ވިދާޅުވީ ޖަލު ގައިދީންނަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖަލުގައި ތިބި ގައިދީންގެ ތެރެއިން 400 ގައިދީންގެ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ކުރެވޭނެ ވަރަށް ބަޖެޓް ނެތް ކަމަށް ޑީޕީއާރުއެސް އިން ބުނުމުން އިލެކްޝަނުން ވެސް ކޮންމެ ވެސް ގޮތަކުން އެހީއެއް ހޯދައިގެން ނަމަވެސް ޖަލުގައި ތިބި ގައިދީންގެ އައިޑީކާޑު ހެއްދުމަށް ނިންމާފައިވާ ކަމަށެވެ.
"ކޮންމެ ވެސް ފަރާތަކުން އެހީހެއް ހޯދައިގެން ނަމަވެސް އެކަން ކުރެވޭތޯ ބަލާނަން. ޑީޕީއާރުއެސް އިން ވިދާޅުވަނީ އެބޭފުޅުންގެ ބަޖެޓެއްނެތޭ. އަޅުގަނޑުމެން އެންމެނަން ވެސް ބަޖެޓް ތާށިކޮށް އުޅޭ އިރު ވެސް އެކަމާ އާޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" މަނިކު ވިދާޅުވި އެވެ.
އިލެކްޝަނުން ބުނީ ގައިދީންގެ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާ މައްސަލައާ ދޭތެރޭ އެމީހުންގެ ބަލަދުވެރިން ވެސް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު ހަތް ވަނަ ދުވަހުން އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަނުގެ މެމްބަރުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ގަވާއިދު މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހަފްތާ ތެރޭ ގެޒެޓް ކުރާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އިރު، އިންތިޚާބީ ދާއިރާތައް ކަނޑައަޅަން ޖެހޭތީ މާލޭގެ ދަފްތަރުގައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ. އަދި ދަފްތަރުގައި ތިބި ފަރާތްތަކުން ދަފްތަރުގައި ތިއްބެވި އިރު ޖައްސާފައިވާ އެޑްރެސް ބަދަލުވެފައިވާ ނަމަ އެކަން އިލެކްޝަނަށް އަންގައިދިނުމަށް އެކޮމިޝަނުން އެދެ އެވެ. އަދި އެގޮތަށް ނާންގާ ބައެއް ފަރާތްތަކުން ވޯޓުލާން ދާއިރު ދިރިއުޅޭ ހިސާބު ނޫން އެހެން ހިސާބަކުން ކުރިމަތިލާފައިވާ ފަރާތަކަށް ވޯޓުލާންޖެހިފައި ހުރި މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް އިލެކްޝަނުން ބުންޏެވެ.