މި ހައަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތެއްގެ ގޮތުގައި އަންނަ މަހުގެ ފުރަތަމަ ހުކުރު ހުތުބާ "މައުލޫމާތު ދިނުމާއި މައުލޫމާތު ފެތުރުމުގައި އަމާނާތްތެރި ވުމުގެމައްޗަށް" ހާއްސަ ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމަށް ޓަކައި ތިންކަމެއް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި އެގޮތުން މި އަހަރުގެ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ދިމާވަނީ ހުކުރު ދުވަހަކަށް ކަމަށްވުމުން އެ ދުވަހުގެ ހުކުރު ހުތުބާ "މައުލޫމާތު ދިނުމާއި މައުލޫމާތު ފެތުރުމުގައި އަމާނާތްތެރި ވުމުގެމައްޗަށް ހާއްސަ ކުރުމަށް" އިސްލާމިކް މިނިސްޓްރީގައި ދަންނަވައި އެކަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ޓަކައި ރާއްޖޭގެ މީޑިޔާގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ނޫސްވެރިކަމުގެ މި އަހަރުގެ ހާލަތާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވީހާ ވެސް ފުޅާ ދާއިރާއެއްގައި ބަހުސުކޮށް މައުލޫމާތު ފެތުރުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.

ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން، ނޫސްވެރިންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކުރުމަށް ޓަކައި ހުރިހާ ނޫސްވެރިން އެކުގައި ކ. ހިންމަފުއްޓަށް ދަތުރެއް ދިއުމަށް ރާވާފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ ދަތުރުގައި ހިންމަފުށީގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް މީޑިއާ ކައުންސިލުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ދަތުރުގައި ބައިވެރިވުމަށް އެދޭ ނޫސްވެރިން އެކައުންސިލާ ގުޅުއްވައިގެން ނަން ނޯޓް ކުރަމުން ގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންވަނީ އެދިފަ އެވެ.