ސަރުކާރުގެ އޮނިގަނޑަށް ބަދަލުގެންނަން ޖެހޭ ކަމަށް މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފަޒީލް ނަޖީބު ވިދާޅުވީ ސަރުކާރުގެ ބޭނުންތަކަށް ފައިސާ ހަރަދުކުރެވޭ މިންވަރު ޒަމާނުއްސުރެ އިތުރުވެފައިވާ އިރު ފާގަތި އިގްތިސާދަކަށް ދިއުމަށް ޓަކައި އެމިންވަރު ދައުލަތަށް އޮބަހެއްޓޭ މިންވަރަކަަށް ތިރިކުރުމަށް ދައުލަތުގެ އޮނިގަނޑަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

"ރާއްޖެއަކީ ކުޑަކުޑަ އިކޮނޮމީއަކަށް ވާތީ ރާއްޖޭގެ އިގްތިސާދު މިހިނގަނީ ސެންޓްރަލް ބޭންކުގެ ތެރެއިން ޖެނެރޭޓް ފައިސާ އަށް ކަމަށް ނުވާތީ ސެންޓްރަލް ބޭންކުގެ ހައިސިއްޔަތު މަނިޓަރީ ޕޮލިސީ އިފެކްޓިވިނަސް ލިބެންވާ މިންވަރަށް ވުރެ ވެސް ކުޑަ އިކޮނަމީއެއްގައި ނުލިބިގެން މިއުޅެނީ ސަރުކާރުގެ ބުރޯވިން ނީޑުސް[ބޭނުންވާ ވަރު] މިހާ މަތިވީމާ މިއޮންނަނީ އެކޮމެޑޭޓްކުރަން ޖެހިފައި އަބަދުވެސް. އެހެން ވީމާ މިއަށް ހަމަ ހައްލެއް އަންނަން އެބަޖެހޭ އަޅުގަނޑަށް ހީވަނީ މިނޫން ގޮތެއް ހިޔެއްނުވޭ އޮތްހެނެއް އަޅުގަނޑުމެނަށް އޮބަހެއްޓޭ ވަރުގެ އަޅުގަނޑުމެންގެ ގައުމާ އެކަށިގެންވާ މިންވަރުގެ ދައުލަތުގެ އޮނިގަނޑެއްހެން އަޅުގަނޑަށް ހީވަނީ މިއަންނަން ޖެހެނީ މިހާރު،" އެމްއެމްއޭގެ ގަވަރުނާ ފަޒީލް ނަޖީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭޝްފުލޯ ރަނގަޅުކުރުމަށް ވެސް ހަރަދުކުޑަކުރަން ޖެހޭ ކަމަށާއި ހަރަދުކުޑަކުރުމަށް ހުރިހާ ދިމާލަކުން ވެސް ވިސްނަންޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީ އާ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓްގެ ގޮތުގައި ވަކި އަދަދުތަކެއް ލިޔާ އިރު އެ ފައިސާ ލިބޭނެ މަގެއް ވެސް ބަލަންޖެހޭ ކަމަށް ގަވަރުނާ ވިދާޅުވި އެވެ. އަދި ދަރަނި ދެއްކުމަށް ދަރަނި ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ދަރަނި ދެއްކުމަށް ރަނގަޅުގޮތަކީ ސޭވްކުރުން ކަމަށް ގަވަރުނަރު ނަޖީބް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އަށް ފައިސާ ދޫނުކުރާ ކަމަށް ބުނާ މައްސަލާގައި ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ އެއްވެސް އިރަކު އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީގެ ޗެކެއް ހިފަހައްޓާފައިނުވާ ކަމަށެވެ. އަދި އެ ދެ ފަރާތުން ވާހަކަ ދައްކައިގެން ކޭޝްފުލޯ މެނޭޖުކުރުމަށް އޯވާޑުރޯ ކުރެވޭ މިންވަރު ހިފެހެއްޓުމަށް ޓަކައި ކޮންޓުރޯލްތަކެއް ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ. އަދި އޯވާޑުރޯކުރެވޭ މިންވަރުކަމަށް ކުރިން ކަނޑައެޅި ލިމިޓް 100 މިލިއަން ރުފިޔާ އިން މިހާރު 200 މިލިއަން ރުފިޔާ އަށް މިހާރު އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި 4.3 ޕަސެންޓްގައި ކުރިއަރަމުންދާ ކަމަށް ތަފާސް ހިސާބްތަކުން ދައްކާ އިރު އެއީ ގޯސްމިންވަރެއް ނޫން ކަމަށެވެ. އަދި ގައުމެއްގެ ގްރޮސް ރިޒާވްގައި ހަ މަސް ދުވަހަށްވާ ވަރަށް ހުންނަން ޖެހޭ އިރު ރާއްޖޭގެ ގްރޮސް ރިޒާވް ހުރީ ދެ މަސް ދުވަހަށްވާ ވަރަށް ކަމަށާއި އެއީ 344 މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ޕޭމަންޓްތަކަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް ގްރޮސް ރިޒާވް 310 މިލިއަނަށް ތިރިވެދާނެ ކަމަށާއި އަދި ނެޓް ރިޒާވް ހުރީ 118 މިލިއަން ޑޮލަރު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އެއްވެސް ގައުމަކުން ބޮންޑެއް މިހާތަނަށް ވިއްކާފައި ނުވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.