24 Apr 2013, 16:35
ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ޓަކައި "މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: ފަސް ވައުދު"ގެ ނަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވައުދެއް އެކުލަވާލައި، ދައުލަތުގެ އެންމެހައި މުވައްސަސާތަކާ އެކު އެ ވައުދުގައި ސޮއިކުރުމަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހަމަޖައްސާފައި ވަނީ، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެ ހަރަކާތް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ދެމެހެއްޓުމަށް ޓަކައި ފަސްނުކުތާގެ ވައުދެއް އެކުލަވާލައި މިހާރު ވާނީ ދައުލަތުގެ ހުރިހާ މުވައްސަސާއަކަށް ދައުވަތު އަެރުވާފައި ކަމަށެވެ.
"ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ޓަކައި ފަސް ނުކުތާގެ ވައުދެއް މިހާރުމިވަނީ އެކުލަވާލެވިފައި. މި ވައުދުގައި ސޮއިކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މިހާރު މިވަނީ ދައުވަތު އަރުވާފައި. އެގޮތުން ދައުލަތުގެ ތިންބާރުކަމަށްވާ ރައީސުލްޖުމްހޫރިއްޔާއަށާއި އުއްތަމަ ފަނޑިޔާރަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް އަޅުގަނޑުމެން މިވަނީ ދައުވަތު އަރުވާފައި،" ޝަހީބު ވިދާޅުވި އެވެ.
އަދި ހުރިހާ މިނިސްޓްރީ ތަކަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށާއި އަދި މިނިވަން މުއައްސަސާތަކަށާއި ހުރިހާ ކައުންސިލް ތަކަށާއި އަދި ދައުލަތުގެ ހުރިހާ ކުންފުނިތަކަށް ވެސް ވާނީ އެ ވައުދުގައި ސޮއިކުރުމަށް ދައުވަތު އަރުވާފައި ކަމަށް ޝަހީބު ވިދާޅުވި އެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާ މޭ މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 4:30ން ފެށިގެން 6:00އަށް މާލޭ ހެދިގޮނޑުދޮށުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ ހަރަކާތް އިންތިޒާމުކުރަމުން ގެންދަނީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާ ގުޅިގެން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.
އަދި "މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: ފަސް ވައުދު"ގައި ސޮއިކުރެއްވުން ހިނގަމުންދާ ވަގުތުގައި "ބްރޯޑްކާސްޓް ކުރުމުގެ ކޯޑްއޮފް ޕްރެކްޓިސް"ގައި ހުރިހާ ބްރޯޑްކާސްޓަރުން ސޮއިކުރާ ގޮތަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ހަމަޖައްސާފަ އެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް އެތިކްސްގައި ސޮއިކުރުމުގެ ފުރުސަތު ބްރޯޑްކާސްޓް މީޑިޔާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޝަހީބު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުވައިގެން އެކޮމިޝަނުން ހިންގުމަށް ރާއްވަވާފައިވާ ހަރަކާތަކީ އެއްވެސް ވަރެއްގެ ބަޖެޓެއް އޮވެގެން ހިންގަން ރާއްވަވާފައިވާ ހަރަކާތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މިކަމަކީ އެއްވެސް ބަޖެޓެއް އޮވެގެން ކުރާކަމެއް ނޫން ހަގީގަތުގައި. މިކަމުގައި ހަމަ ބްރޯޑްކާސްޓަރުންނާއި އެކިއެކި ހެޔޮއެދޭ ފަރާތްތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވަމުން މިގެންދަވަނީ. އެހެންވީމާ އަޅުގަނޑުމެންނަށް އެންމެ މަތީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގައި ނުބޭއްވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ކުރަން އުޅޭ ކަންތައް ވީހާ ވެސް ރަނގަޅަކަށް ކުރެވޭތޯ ބަލަން އަޅުގަނޑުމެން މިއުޅެނީ،" ޝަހީބު ވިދާޅުވި އެވެ.
"މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: ފަސް ވައުދު"ގައި ސޮއިކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގެ "ތީމެއް"ގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ހުދު ގަމީހާއި ކަޅުފަޓުލޫނެވެ. ޝަހީބު ވިދާޅުވީ މިކަހަލަ ތަދު ޒަމާނެއްގައި "އެކަމަށް ވަކި ޓީޝާޓުތަކެއް ތައްޔާރުކޮށް ކަންތައްތަކެއް ކުރަންފަށައިފި ނަމަ އެކަމަށް ބޮޑެތި ހަރަދުތަކެއް ހިނގައިފާނެތީވެ ކޮމިޝަނުން އެފަދަ ހަރަދެއް ކުރެއްވެން ނެތީ" ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ފަސްނުކުތާގެ ވައުދުގައިވަނީ، "ނޫސްވެރިންނާއިމެދު އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން ކަންތައް ކުރުމަށާއި، ނޫސްވެރިންނަސް ސަލާމަތާއި ރައްކައުތެރިކަން ހޯދައި ދިނުމަށާއި، ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ އެއްވެސް އަމަލެއް ނުކުރުމަށާއި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް މަގުފަހި ކޮށްދިނުމަށާއި އަދި ނޫސްވެރިންނަކީ ޑިމޮކުރަސީގެ ފާރަވެރި ބާރުގެ ގޮތުގައި ބަލައިގަނެ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދޮރު މިނިވަންކަމާއެކު ހުޅުވާލުމަށް ވައުދުވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަސާސްތައް އަމަލީގޮތުން ދަމަހައްޓައި، މިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގުވެރިވެ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމުގައި ތެދުވެރިކަންމަތީ ދެމިހުރުމަށް އިގްރާރު ވަމެވެ،" މިހެންނެވެ.