މަސްތުވާތަކެތި ގެންގުޅުނު ދެ މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ގއ. ދެއްވަދޫ ޑޯރެންސިވިލާ އަބްދުﷲ ޖުނައިދު އާއި ހަމައެރަށު ހިލްވާސަމް އަލީފް އިބްރާހީމްގެ މައްޗަށެވެ.

ޖުނައިދު އާއި އަލީފް 100،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު މއ. ވަވަތިގޭ ހުންނަ ސަރަހައްދުން އެމީހުން ހައްޔަރު ކުރި އިރު 198 ގްރާމްގެ ހެރޮއިން އެ މީހުންގެ އަތުން ފެނުމާ ގުޅިގެންނެވެ.

އެ ހުކުމްގައި ބުނަނީ ފުލުހުން އެ ދެ މީހުން ހައްޔަރު ކުރަން އުޅުމުން ޖުނައިދު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި އަޅާފައިވާ ކޮތަޅު އަލީފް އަތަށް ދިނުމަށް ފަހު ދުއްވައިގަންނަން ބުނުމުން އޭނާ ދުވެފައި ގޮސްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

".... މި 50 ރަބަރު ޕެކެޓުގައި 198.4785 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީ. ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 135 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ އެ ގާނޫނުގެ 103 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ގއ. ދެއްވަދޫ، ޑޯރެންސިވިލާ އަބްދުﷲ ޖުނައިދު އާއި ގއ. ދެއްވަދޫ، ހިލްވާސަމް އަލީފް އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާގެ (ނ)ގެ ދަށުން އަބްދުﷲ ޖުނައިދު އާއި އަލީފް އިބްރާހީމް އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކޮށް، މިފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަބްދުﷲ ޖުނައިދު އާއި އަލީފް އިބްރާހީމް އަށް އަންގައި މިގޮތުގެ މަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.