24 Apr 2013, 16:28
ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އެ ހައްދެއް ގާއިމް ކުރަން ޖެހޭ ގޮތަށް ލާޒިމްކޮށް، އިސްލާމީ ޝަރީއަތުގައިވާ ހައްދުތަކުގެ އަދަބު ދިނުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދޭ ގޮތަށް ގާނޫނުލް އުގޫބާތުގެ ބިލަށް އިތުރު ކުރި މާއްދާއާ މެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވެއްޖެ އެވެ.
ގާނޫނުލް އުގޫބާތުގެ ޑްރާފްޓަށް އިތުރު ކުރި މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ގާނުނުލް އުގޫބާތުގައިވާ ގޮތުގެ މަތިން މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރަންވާނެ ކަމަށެވެ.
އެޗްއާރްސީއެމްގެ ހިޔާލު ހޯދުމަށް ގާނޫނުލް އުގޫބާތު ކޮމެޓީ އަށް ހާޒިރު ކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލު ވިދާޅުވީ ހައްދު ގާއިމް ކުރުމުގެ އަދަބުތައް ދިނުމަށް ހުކުމް ކުރުމުގެ އިހްތިޔާޒު ފަނޑިޔާރަށް ލިބިދީފައިވުމަކީ ގާނޫނުލް އުގޫބާތުގެ މަފްހޫމާ ހިލާފު ކަމެއް ކަމަށެވެ.
"އެ މާއްދާގައި ހައްދު ގާއިމް ކުރުމުގައި ފަނޑިޔާރުންނަށް އިހްތިޔާރުތަކެއް ދީފައިވާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަޅުގަނޑުމެންގެ ކޮންސާނަކީ ޕީނަލް ކޯޑު މިގޮތަށް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީއަތުގައި ވެސް ހިމެނޭ ކަންތައްތައް ކޮޑިފައި ކުރުން ކަމުގައި ވާއިރުގައި، އެކަހަލަ ޑިސްކްރެޝަނަރީ ޕަވާސް ދެވުނީމަ ޕީނަލް ކޯޑުގެ މަފްހޫމާ ކޮންމެ ވެސް ވަރަކަށް ހިލާފުވެވޭ ކަމަށް ގަބޫލު ކުރެވޭ،" ތޮލާލު ވިދާޅުވި އެވެ.
ހައްދު ގާއިމް ކުރުމުގެ މާއްދާއާ މެދު ތޮލާލު ކަންބޮޑުވުން ފާޅުކުރެއްވުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވިދާޅުވީ އެ މާއްދާ އަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށާއި ގުރުއާނުގައި ކަނޑައަޅާފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލުކޮށް ގާނޫނެއްގެ ސިފައިގައި ނުގެނެވޭނެ ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ އިސްލާމް ދީނުގެ ހައްދުތަކާ މެދު ބަޔަކު ކިތަންމެ ކަންބޮޑުވިޔަސް އިސްލާމީ ޝަރީއަތުގެ ހުކުމްތައް ގާނޫނުލް އުގޫބާތުގައި ނުހިމަނައި "ވާކަށްނެތް" ކަމަށެވެ.
"މިއީ ގާނޫނުލް އުގޫބާތު ކަމުގައިވިޔަސް ވެސް އަދި ކޮންމެ އެއްޗެއް ކަމުގައިވިޔަސް ވެސް މި ގައުމަކީ އިސްލާމީ ގައުމެއް. 100 ޕަސެންޓު މުސްލިމް ގައުމެކޭ މި ބުނަނީ. އެހެންވީމަ މިގައުމުގެ ގާނޫނުލް އުގޫބާތުގައި އިސްލާމްދީނުގެ ޝަރީއަތް މީގައި ބަޔާންކުރަންޖެހޭނެ. އެއީ ބަޔަކު ކިތަންމެ ކަންބޮޑުވި ކަމުގައި ވިޔަސްވެސް،"
އެޗްއާރްސީއެމްގެ މެންބަރު ޖީހާން މަހުމޫދުގެ ވިދާޅުވީ 18 އަހަރު ނުވާ ކުޑަކުދިންގެ މައްޗަށް ޝަރީއަތް ހިންގުމާއި އަދަބު ދިނުމަށް އެ ކޮމިޝަނުން ނޭދޭ ކަމަށެވެ. އަދި ކުޑަކުންދިންގެ މައްޗަށް ދައުވާ ކުރުމާއި އަދަބު ދިނުމާމެދު ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތާމެދު ދެވަނަ ވިސްނުމަށް މެންބަރުން ވަޑައިގަތުމަށް ޖީހާން އެދިވަޑައިގެންނެވި އެވެ.
މެންބަރުން ވިދާޅުވީ ކުޑަކުދިންގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެ ކުއްޖެއްގެ މައްޗަށް އަދަބު ތަންފީޒު ކުރާނީ އުމުރުން 18 އަހަރުވުމުން ކަމަށެވެ.