24 Apr 2013, 16:01
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހޮވައިފި އެވެ.
ދަރުބާރު ގޭގައި ކުރިއަށްދާ ޑީއާރްޕީގެ ހަތަރު ވަނަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ހުސްވެފައިވާ ތިން ނައިބު ލީޑަރުންގެ މަގާމަށް ބޭފުޅުން ހޮއްވުމަށް ބޭއްވި އިންތިހާބުގައި ރޮޒައިނާ އެ މަގާމަށް ހޮވިވަޑައިގެންނެވީ 382 ވޯޓުންނެވެ. އަލީ އާޒިމަށް އެ މަގާމު ލިބިވަޑައިގެންނެވީ 258 ވޯޓު ހޯއްވަވައިގެންނެވެ. ފަސް ބޭފުޅަކު ވާދަކުރެއްވި އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގަތް ދެ ބޭފުޅުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން ތިން ވަނަ ނައިބު ލީޑަރަކު ހޮވުމަށް މާދަމާ ވަނީ އަލުން އެ ދެ ބޭފުޅުންގެ މެދުގައި އިންތިހާބު ބޭއްވުމަށް ނިންމައިފަ އެވެ.
ވޯޓު އެއްވަރުވީ ރައްޔިތުންގެ މަޖިލީހުގެ ވިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒާއި އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ)ގެ ވޯޓެވެ. އެ ދެ ބޭފުޅުނަށް ވެސް 243 ވޯޓު ލިބިވަޑައިގެންނެވި އިރު އެ އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބިވަޑައިގެންވި އަލީ ސޯލިހަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 97 ވޯޓެވެ.
ޑީއާރުޕީގެ ކައުންސިލަށް އާންމުގެ ތެރެއިން ހަ މެންބަރަކު މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ. އެ ހަ މަގާމަށް 11 މެންބަރަކު ވާދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ޑީއާރުޕީ ކައުންސިލަށް އިންތިހާބުވެފައި ވަނީ ތައުލީމާ ބެހޭ ވަޒީރު ޑރ. އާސިމް މުހައްމަދާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝަފީއުއާއި އިންތިގާލީ ކައުންސިލް މެންބަރު ޑރ. ހާމިދު ރަޝީދާއި ދާހިލީ ވުޒާރާގެ ނައިބު މުހައްމަދު ސަލީމާއި އިންތިގާލީ ކައުންސިލް މެންބަރު އައްސަދު ޝަރީފާއި އަހްމަދު ނިޒާމް (ކެލާ ނިޒާމް) އެވެ.
އެ އިންތިހާބުން ފެއިލްވެވަޑައިގެންނެވީ ޓީވީއެމްގެ ކުރީގެ ޗީފްއެކްޒެކްޓިވް އޮފިސަރު (ސީއީއޯ) އަލީ ހާލިދާއި މުހައްމަދު ޝަފީގު އާއި އަބްދުﷲ ޝިޔާޒުގެ އިތުރުން އަބްދުﷲ ނަސީރާއި މުހައްމަދު ފާއިޒު އެވެ.
ޑިއާރުޕީން ވަނީ އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން ޒުވާނުން ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމާއި އަދި ސުލޫކީ ކޮމެޓީ އަށް އައްޔަން ކުރާ މެންބަރު ކަމަށް އެންމެ މެންބަރު ކުރިމަތިލައްވާފައިވާތީ އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތައް އިންތިހާބު ވެއްޖެ ކަމަށް ކަނޑައަޅާފަ އެވެ.
ޑީއާރުޕީގެ ގައުމީ ޖަލްސާ ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.