ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އެ ގޮތަށް އެދިފައި ވަނީ ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ހަތަރު ކުންފުންޏަކީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑު އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބް އޮފީހުގެ ސްޓޭޓް އެޓާނީ މޫސާ އާލިމް ވިދާޅުވީ ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ފެކްޓްސްތައް ޔަގީން ނުކޮށް ކަމަށެވެ. އަދި އެ ހުކުމް ކޮށްފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ބައެއް މާއްދާތަކުގެ މަގުސަދު ގެއްލޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރުތު ހަމަނުވާ ޕްރޮޕޯސަލްތައް ބާތިލްކުރުމުގެ ބާރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް ނިންމާފާއި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ލަފާގެ މަތިން ކަމަށެވެ. އަދި އޭސީސީން އަންގާ އެންގުންތަކަށް ތަބާވާންޖެހޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރެއަށް އިތުރު ހަތަރު ކުންފުންޏަކުން ވަނީ ތަދައްޚުލް ވެފައެވެ. އެއީ ޒަމްޒަމް އެޗްއެމްޔޫ އާއި އެސްބީޓީ ހައްޖު އުމްރާ އާއި މިނާ ހައްޖު އުމްރާގެ އިތުރުން ހަމަލަތުލް އިޚްލާސް ލިލްހައްޖު ވަލް އުމްރާ އެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް ޒައީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސްރު މުހައްމަދު ވެސް ވަނީ ކޯޓަށް ލިޔުންތައް ހުށަހަޅާފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ބުނީ ހައްޖަށް ދިޔުމުގެ ހުއްދަ ދޭގޮތަށް ހަމަޖައްސާފައި ވަނީ ހަމައެކަނި ކުންފުނިތަކަށް ވާތީ ފަރުދީ ގޮތުން ތަދައްޚުލް ވުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ޒައީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ނަސްރު ވިދާޅުވީ ކުންފުނީގެ ނަމުގައި ތަދައްޚުލްވާން ހުށަނޭޅުނީ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ރާއްޖޭގައި ނޫޅުއްވާތީ ބޯޑުން ނިންމަންޖެހޭ ނިންމުން ފާސް ނުކުރެވިގެން ކަމަށެވެ.
މިއަދުގެ ޝަރީއަތިގެ މަޖިލީހުގައި އެ ހުރިހާ ކުންފުނިތަކުން ވެސް ވަނީ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ވަގުތީ އަމުރާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ މައްސަލަ އަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންގެންދާ މައްސަލައެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.