24 Apr 2013, 14:28
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހުޅުމާލޭ ކޯޓު އުވާލެވޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު ވެސް އިންނެވި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ އެ އިސްލާހު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ތިރީ ގިންތީގެ އެއްވެސް ދަށު ކޯޓެއް މާލޭގައި ހިންގަމުންދާ ނަމަ އެ ހިނދުން ފެށިގެން އެ ކޯޓެއް އުވޭނެ ކަމަށެވެ. އަދި އެ ކޯޓެއްގައި ނުނިމި ހުރި މައްސަލަތައް މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އެ މައްސަލަތަކުގެ އިހުތިސޯސް ލިބިގެންވާ ކޯޓުތަކަށް ބަދަލުވެގެން ދާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އިސްލާހު ބުނާ ގޮތުން މާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓު އުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަނޑައަޅާ ގޮތެއްގެ މަތިން އެ ކޯޓުގައި ތިބޭ ފަނޑިޔާރުން ތިރީ ގިންތީގެ ކޯޓަކަށް ބަދަލުކުރެވޭނެ އެވެ. އަދި އެ ކޯޓެއްގެ މުވައްޒަފުންނާއި މުދަލާއި ފައިސާ އަދި ތަކެއްޗާ މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ގޮތެއް ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.