24 Apr 2013, 14:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ސިއްރު ކުރާނޭ ޖަލްސާތަކާއި ސިއްރު ވޯޓު ނަގާނެ ޖަލްސާތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ (ހ) ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ރައީސުލްޖުމްހޫރީއްޔާއާއި ނައިބު ރައީސާއި ވަޒީރުން މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާތަކަކީ ސިއްރު ޖަލްސާތަކެއް ކަމަށާއި އެ ޖަލްސާގައި ނަގާ ވޯޓަކީ ވެސް ސިއްރު ވޯޓެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ސިއްރު ކުރާނޭ ޖަލްސާތަކާއި ސިއްރު ކުރާނޭ ވޯޓް ކަނޑައެޅުމުގެ މާއްދާ އެވެ. އަދި އެ މާއްދާގައި ޖަލްސާތަކާއި ވޯޓް ސިއްރު ކުރެވޭނެ ހާލަތްތައް ކަނޑައަޅާފައިވެ އެވެ.
ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކޮމެޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި އެ ނިންމުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށާއި އެއަށް ފަހު އެ އިސްލާހު ގަވާއިދަށް ގެނައުމާ މެދު ވޯޓަށް އަހާނެ ކަމަށެވެ.
އާންމު ކޮމެޓީއަކީ ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮތް ކޮމެޓީއެކެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީޕީއެމްގެ ތިން މެންބަރުންނާއި ޑީއާރްޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ އިތުރުން އަމިއްލަ މެންބަރެކެވެ.
މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ވޯޓުތަކެއްގެ ގޮތުގައި ނުނެގުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 14ގަ އެވެ. ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުބާރު އޮތްތޯ ބެލުމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ގެނެސްފައިވާ ބާތިލް އިސްލާހެއް ކަމަށެވެ.