24 Apr 2013, 12:48
ސިވިލް ސާވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.
ސީއެސްސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތަފާތު އެކި ހަރަކާތްތަކެއް ހިންގުމަށް ސިވިލްސާވިސް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން ސިވިލްސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ސިވިލްސާވިސްގެ މުވައްޒަފުންގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުމާއި މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ވިސްނުން ބައްޓަންކުރަން މަގުފަހި ކުރުމާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅިގެން ނަތީޖާ ހާސިލު ކުރުމުގެ ވިސްނުން އަށަގެންނެވުން ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.
މި އަހަރުގެ ސިވިލްސާވިސް ދުވަސް ފެށިގެންދާނީ މެއި އެއް ވަނަ ދުވަހުގެ ހެނދުނު ބާއްވާ ސިވިލް ސާވިސް މުވައްޒަފުންގެ އެއްބައިވަންތަ ކަމުގެ ހިނގާލުމަކުންނެވެ. އެ ހިނގާލުން ފެށިގެންދާނީ ވެލާނާގޭ ބިލްޑިން ކައިރިން ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.
ސިވިލްސާވިސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްތަކުގެ އިސް ދަރިވަރުން އެ ޚިދުމަތާ މެދު ހޭލުންތެރިކުރުން ހިމެނެ އެވެ. އަދި ސިވިލްސާވިސް އާއިލީ ހަވީރަކާއި ސިވިލް ސާވިސްގެ ކުޅިވަރު ކާނިވަލެއް ބޭއްވުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ސީއެސްސީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ނެޓްބޯޅަ މުބާރާތަކާއި، ސިޔާސީ ފަރާތްތަކާއި ސިވިލް ސާވިސް މުވައްޒަފުންނާ ދެމެދު ގަލޮޅު ދަނޑުގައި ހާއްސަ ފުޓުބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.
ރާއްޖޭގައި ސިވިލް ސާވިސް މުސްތަގިއްލު ޚިދުމަތެއްގެ ގޮތުގައި ގާއިމްވެ އެ ޚިދުމަތްފަށާފައި ވަނީ 1 މެއިން 2008 ގަ އެވެ. އަދި ސިވިލްސާވިސް ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.