24 Apr 2013, 12:45
ހިޓާޗީ ޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ދެ މީހަކަށް އުމްރާ ދަތަރު ލިބޭ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ފަށައިފި އެވެ.
"ހިޓާޗީ މެގަ ޕްރޮމޯޝަން"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ގެންދާ އެ ޕްރޮމޯޝަން، އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓުގައި އޮތް ހަފްލާ މިއަދު ފައްޓަވައި ދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ، ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމްއެވެ.
އާޒިމް ވިދާޅުވީ އެސްޓީއޯ އިން މިއަދު ފެށި ޕްރޮމޯޝަނުގައި ހިޓާޗީ ބްރޭންޑްގެ ހުރިހާ މުދަލެއް މާލެއާ އެއް އަގެއްގައި އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުން ވެސް ލިބޭނޭ ކަމަށެވެ.
"މި ޕޮރޮމޯޝަން ކުރިއަށްދާނީ މާލެ އާއި އެސްޓީއޯގެ އަތޮޅުތެރޭގެ ހުރިހާ ފިހާރަތަކެއްގައި. އަދި މި ޕްރޮމޯޝަންގެ އަގުތައް ހުންނާނީ ރަށްރަށުގެ ފިހާރަތަކާއި މާލޭގައި ހަމަ އެއް އަގެއްގައި،" އާޒިމް ވިދާޅުވި އެވެ.
ހިޓާޗީ މެގަ ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ގޮތަށް ހަމަޖެހިފައިވާ އިރު، ހިޓާޗީ ބްރޭންޑްގެ ކޮންމެ އުފެއްދުމެއް ގަނެގެން ވެސް ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވެ 1000ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ މީހަކަށް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ވުމުގެ ގުރުއަތުގައި ބައިވެރިވުމަށް ކޫޕަނެއް ދެވޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިންގެ ތެރެއިން އެއްވަނަ އިނާމަކަށް ދެ މީހެއްގެ އުމްރާ ދަތުރު ލިބޭ އިރު ދެވަނަ އިނާމަކަށް 15000 ރުފިޔާގެ "ގިފްޓް ވައުޗާ" އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 10000 ރުފިޔާގެ "ގިފްޓް ވައުޗާ" ލިބޭނެ އެވެ.
އާޒިމް ވިދާޅުވީ އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ މުދަލަކީ ވެސް ރައްޔިތުންނަށް އެ މުދަލެއްގެ ސަބަބުން ލާބައާއި މަންފާ ލިބި އުފާވެރިކަން ގެނެސްދޭ މުދަލެއް ކަމުގައި ހެދުމަކީ އެ ކުންފުނީގެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެގޮތުން މިއަދު ފެށުނު ހިޓާޗީ މެގަ ޕްރޮމޯޝަންގެ މެދެއްހާ ހިސާބުގައި އިތުރު ޕްރޮމޯޝަނެއް ހިޓާޗީ އެއާކޮންޑިޝަނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޕްރޮމޯޝަންގެ ތެރޭގައި އިތުރު ކަންތައްތަކެއް ވެސް ރޭވިފައިވާނެ. އެގޮތުން ޕްރޮމޯޝަންގެ މެދެއްހާ ހިސާބުގައި އެއާކޮންޑިޝަންގެ ޕްރޮމޯޝަންއެއް ފެށިގެންދާނެ. މި އެއާކޮންޑިޝަން ޕްރޮމޯޝަނަކީ ވަރަށް ހާއްސަ އަގުތަކެއްގައި އަޅުގަނޑުމެން ގިނަ ރައްޔިތުންނަށް އެއާކޮންޑިޝަން ފޯރުކޮށްދެވޭނޭ ގޮތަކަށް މިކަން ބައްޓަން ކުރުމުގެ ގޮތުން ފަށާ ޕްރޮމޯޝަނެއް،" އާޒިމް ވިދާޅުވި އެވެ.
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ހިޓާޗީ ބްރޭންޑުގެ އުފެއްދުންތަކަކީ މިހާރު ވެސް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މޮޅު އުފެއްދުން ތަކެކެވެ. އާޒިމް ވިދާޅުވީ އެފަދަ ޕްރޮމޯޝަނެއް އެސްޓީއޯގެ ހުރިހާ ފިހާރަތަކުން އެއް އަގެއްގައި ލިބޭނޭ ގޮތަށް ހަމަޖެއްސީ އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވެސް މާލެ ނައިސް ފަސޭހަކަމާ އެކު އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނޭ މަގު ތަނަވަސް ކޮށްދެއްވުމަށް ކަމަށެވެ.
އެސްޓީއޯ އިން ގަންނަ ހިޓާޗީ ބްރޭންޑުގެ އުފެއްދުންތަކަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ފުލް ވޮރެންޓީ ލިބިގެންދާ އިރު އެތަނުން ބައްލަވައިގަންނާވާ މުދާތައް މާލޭގެ ކޮންމެ ތަނަކަށް ވެސް ހިލޭ ގެންގޮސްދެވޭނޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.