"މަރާލެވިފައިވާ މީހުންގެ ހައްގުގައި" މިނަމުގައި ޚާއްސަ އެއްވުމެއް ބާއްވަން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ނިންމައިފި އެވެ.

ނަލަހިޔާ ހޮޓެލްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ހަރާކާތުގެ އިސް ބޭފުޅެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު އަނިޔާވެރިގޮތަކަށް މާރާލެވިފައިވާ ކަމަށާއި އެ އެއްވުމުގެ ބޭނުމަކީ އެ މީހުންގެ އާއިލާ އަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

މަރާލެވިފައިވާ މީހުންގެ އާއިލާތަކާއި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށް ވެސް އެ އެއްވުމުގައި ބައިވެރިވުމުގެ ދައުވަތު ގައުމީ ހަރަކާތުން ވަނީ ދެއްވާފަ އެވެ.

އެފަދަ އެއްވުމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތައް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ބާރު އެޅުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އަނިޔާވެރި ގޮތްގޮތަށް މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި ގައުމީ ހަރަކާތުން އިސްވެ އޮވެ އެފަދަ މަސައްކަތެއް ނުކޮށްފި ނަމަ ބޭނުންވާ ނަތީޖާ ނެރެދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުރަ މަސައްކަތް ނުކޮށް ނަތިޖާ ނެރެދިވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މީހަކު މަރާލާތާ 10 ވަރަކަށް ދުވަސް ވަންދެން މީޑިއާ މެދުވެރިކޮށް އެވާހަކަ ވަރަށް ގިނައިން ދައްކާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެ ވާހަކަތައް ދެއްކުން އެއްކޮށް ހުއްޓާލާ ކަމަށެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީގެ މަރަކީ ސިޔާސީ މަރެއްކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމި ގާތިލުންގެ ޝަރީއަތް ނިމިފައިނުވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ގައުމީ ހަރަކާތުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ސޮބަހު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު އެ އިންތިޚާބުގެ ތެރޭގައި ގައުމު ހަލަބޮލިވެ ނޭދެވޭ އަމަލުތަކެއް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ދުރާލައި ތައްޔާރުވެ ރިޔާސީ އިންތިޚާބުގައި ނޭދެވޭ އެއްވެސް އަމަލެއް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސޮބަހު ވިދާޅުވި އެވެ.