ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ ދެއްވި ދައުވަތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު ސްވިޒަލޭންޑަށް މިރޭ ފުރާން ނިންމާފއިފި އެވެ.

ސްވިޒަލޭންޑަށް ކުރާ ދަތުރުގައި އެފްއޭއެމްގެ ރައީސް އިލްހާމްގެ އިތުރުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހާނިމް މިއަދު ވިދާޅުވީ، އިލްހާމްގެ އެ ދަތުރު ފުޅަކީ ތިން ދުވަހުގެ ދަތުރު ފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރާން ހުރި އެކިއެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ފީފާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ބްލެޓާ ހޮވިފައި ވަނީ، 1998 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފީފާގައި މަސައްކަތް ކުރައްވަމުންނެވެ.