މިއަހަރުގެ ޖޫންމަހުގައި ސީޝެލްސްގައި އޮންނަ ހަތަރު ގައުމު ވާދަކުރާ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބައިވެރިކުރުމަށް އެފްއޭއެމްއިން އޮތީ ތައްޔާރަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން މިއަދު ވިދާޅުވީ، ސީޝެލްސް މުބާރާތުގައި ބައިވެރިވާން އެފްއޭއެމްއިން ނިންމި ކަމުގައި ވިޔަސް، އެމުބާރާތުގައި ބައިވެރިވެވޭން އޮތީ ކުލަބުތަކާއެކު މަސްވަރާކުރުމަށްފަހު ކަމަށެވެ. އެގޮތުން ފުރަތަމަ ޑިވިޒަންގެ ކުލަބުތަކާއެކު މަސްވަރާ ކުރުމަށްފަހު އަންނަ ހަފްތާގެ ކުރީކޮޅު ފައިނަލް ޖަވާބެއް ލިބޭނެ ކަމަށް ސުޒޭން ވިދާޅުވިއެވެ.

"އެފްއޭއެމް އޮތީ މުބާރާތުގައި ވާދަކުރުމަށް ތައްޔާރަށް. އެކަމަކު އެކަން ކުރެވޭން އޮތީ ކުލަބުތަކާއެކު މަޝްވަރާ ކުރުމަށްފަހު. މުބާރާތުގައި ބައިވެރިވުމާއި ދޭތެރޭގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ" ސުޒޭން ބުންޏެވެ.

ސުޒޭން ވިދާޅުވީ، ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ މެދުވެރިވެގެން ގައުމީ ޓީމަށް ލިބިފައިވާ އެފުރުސަތުގެ ބޭނުން ހިފުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން އެމުބާރާތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެ ނަމަ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްވެސް ގައުމީ ޓީމަށް އާ ހިތްވަރެއް ލިބޭނެ ކަމަށް ސުޒޭން ވިދާޅުވިއެވެ.