24 Apr 2013, 11:09
ވޮޝިންޓަން (އެޕްރީލް 24): ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވައި އެގައުމުގެ ރައްޔިތުން ތަހައްމަލް ކުރަމުންގެންދާ އިންސާނިއްޔަތާޚިލާފު ވޭނާއި ކެކުޅުމާއި އަނިޔާތައް ނިމުމަކަށް ގެނައުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއާއި ޤަތަރުން އެއްބަސްވެއްޖެ އެވެ.
މިކަމަށް އެއްބަސްވެފައި ވަނީ ގަތަރުގެ އަމީރު އައްޝައިޚް ޙަމަދު ބިންޚަލީފާ ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލުކުރައްވައި ދެބޭފުޅުން ކުރެއްވި ރަސްމީ މަޝްވަރާތަކުގައި ކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ. މި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އޮބާމާ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ "ޤަތްލު އާންމުތަކެއް" ކަމަށާ މި"ޤަތްލު އާންމުތަކުގައި" ކޮންމެ ދުވަހަކު ކުށެއްނެތް ސޫރިޔާގެ ގިނަ ރައްޔިތުންތަކެއް މަރުވަމުންދާކަމުގަ އެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު އޭނާގެ ރައްޔިތުންގެ ހަޔާތަށާއި ފުރާނައަށް އެއްވެސްވަރަކަށް ނުބައްލަވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ސޫރިޔާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޤަތަރުގެ އަމީރު ވިދާޅުވީ ސޫރިޔާގެ ޙާލަތު ވަރަށް ބިރުވެރިކަމަށާ ސޫރިޔާގެ ރައްޔިތުން ކޮންމެ ދުވަހަކު މަރާލެވެމުންދަނީ ޑަޒަން ޑަޒަނަށް ކަމުގަ އެވެ. ޝައިޚް ޙަމަދު ވިދާޅުވީ ޤަތަރުން މަސައްކަތްކުރަނީ ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ހުއްޓުވައި ސޫރިޔާގެ ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކުރާ ސަރުކާރެއް ޤާއިމްކޮށްދިނުމުގައި ރައްޔިތުންނަށް އެހީތެރިވުމަށް ކަމުގަ އެވެ.
ސޫރިޔާ ސަރުކާރުން ގެންދަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމުގެ ތުހުމަތު ޤަތަރަށާއި އެމެރިކާގެ މައްޗަށް ކުރަމުންނެވެ. އަދި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ އަލްޤާޢިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ސިފަކުރައްވައި އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިނުވުމަށް ރައީސް ބައްޝާރުލްއަސަދު ދާދިފަހުން ވަނީ ހުޅަނގަށް އިންޒާރު ކުރައްވާފަ އެވެ. ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ފާއިތިވު ދެ އަހަރު ތެރޭގައި 70 ހާހަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށާ މީގެ ތެރެއިން ގިނަ މީހުން މަރާލާފައި ވަނީ ސޫރިޔާ ސަރުކާރު ސިފައިންގެ ޙަމަލާތަކުގައި ކަމަށް އދ. ން ބުނެ އެވެ. (އަލްޖަޒީރާ)