24 Apr 2013, 11:02
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާއި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯ ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 47000ރ. ކަނޑައަޅައިދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 32000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. ކަނޑައަޅައިދިނުމަށެވެ.
ބޯޑުގެ ނައިބު ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ. އެއީ މުސާރަ އަށް 20،500ރ. އާއި ލިވިން އެލަވަންސަށް 15،000ރ. އެވެ. އަދި ބޯޑުގެ ދެން ތިއްބަވާ ފަސް މެންބަރުންނަށް އެލަވަންސެއްގެ ގޮތުގައި 8000ރ. ދިނުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާ ބެހޭ ގާނޫނު އަށް ވަނަ މާއްދާގައި ބުނެފައި ވަނީ ބޯޑުގެ މެންބަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ބޯޑުގެ މެންބަރުންގެ މުއްދަތަކީ ހަތަރު އަހަރެވެ.
ބޯޑުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީ މިއަދު މަޖިލީހަށް އިއްވުމަށް ފަހު، އެ މައްސަލަ މާލިއްޔަތު ކޮމެޓީ އަށް ފޮނުއްވެވި ކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފަ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯ ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ބޯޑުގެ މެންބަރު ކަމަށް އައްޔަން ކުރާ ހަތް މެންބަރުނަށް މަޖިލީހުން ރުހުން ހޯދުމަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނުނުގައިބުނެ އެވެ.
ބޯޑުގެ ރައީސާއި ނައިބު ރައީސް ފިޔަވައި ދެން ތިއްބަވާ ފަސް މެންބަރުނަކީ ފަސް ދާއިރާއަކުން އައްޔަން ކުރަންޖެހޭ މެންބަރުންނެވެ. އެއީ އެކަންޓިންގް އެންޑް ފައިނޭސްގެ ދާއިރާއާއި ބޭންކިންގެ ދާއިރާއާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އާއި ގާނޫނުގެ ދާއިރާގެ އިތުރުން އިކޮނަމިކްސްގެ ދާއިރާ އެވެ.
އެ ފަސް ދާއިރާތަކުން އައްޔަން ކުރާ ފަސް ބޭފުޅުންނަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް- ހަތެއްގެ ސަނަދު ހާސިލްކޮށް އެ ދާއިރާއަކުން މަދުވެގެން ތިން އަހަރުގެ ހޭދަކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.