މިޔަންމާގައި މިދިޔަ އަހަރު ރޮންހިންގިޔާ މުސްލިމުން މެރުމަށް ހިންގި ގަތުލު އާއްމުގައި މިޔަންމާގެ އަސްކަރިއްޔާ އިން "އެހީތެރިވެފައިވާ" ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފި އެވެ.

މިޔަންމާގައި ކުޑަ އާބާދީއެއް ކަމަށްވާ ރޮހިންގިޔާ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގާފައިވާ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް ފަހު ހިއުމަން ރައިޓްސް ވޮޗްއިން ބުނީ ބުޑިސްޓުން މުސްލިމުން މަރާ، އެ މީހުންގެ ގެދޮރު ސުންނާފަތިކޮށް، ތަންތާގައި ހުޅުޖަހަމުން ދިޔަ އިރު މިޔަންމާގެ ސިފައިން ބަލަހައްޓައިގެން ތިބީ ކަމަށެވެ.

"މިދިޔަ އަހަރުގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދޭތެރޭ މިޔަންމާގައި ބުޑިސްޓުން މުސްލިމުންގެ އަންހެނުންނާއި ކުޑަކުދިން އަދި ފިރިހެނުން މަރައި ތަންތާގައި ހުޅުޖަހަމުން ދިޔަ އިރު ސަލާމަތީ ބާރުތަކުން ތިބީ ބަލަން. އަދި ސަލާމަތީ ބާރުތަކުގެ ބައެއް ސިފައިން ސީދާ ގޮތުން މުސްލިމުން މެރުމުގައި އަދި ތަންތަން ހަލާކުކުރުމުގައި ބައިވެރިވެފައިވޭ،" ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރިޕޯޓުގައި ބުނެފައި ވަނީ ހަމަނުޖެހުންތަކަށް ފަހު މުސްލިމުންނަށް ހެދުނު ރެފިއުޖީ ކޭމްޕުތަކަށް އެހީ ހިފައިގެން ދިޔަ ފަރާތްތައް ރެފިއުޖީ ކޭމްޕަށް ނުވަދެވޭ ގޮތަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާ ހަދާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭރު ވެސް އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ މުސްލިމުން މެލްނިއުޓްރިޝަންގެ އިތުރުން ކޮލެރާ އާއި ޓައިފޮއިޑް ފަދަ ބަލިތަކަށް ހުޅުވި، ރެފިއުޖީ ކޭމްޕްތަކުގައި ބަލިތައް އާއްމުވެގެން ދިިޔަ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ޔޫރަޕުގެ އިއްތިހާދުން މިޔަންމާއާ ދެކޮޅަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން، ޔޫރަޕުގެ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޔޫރަޕުން މިޔަންމާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވާ އިރު، އުވާނުލާވާ ހަމައެކަނި ފިޔަވަޅަކީ މިޔަންމާއަށް ހަތިޔާރު ވިއްކުން މަނާކުރާ ފިޔަވަޅެވެ.

"އީޔޫއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމި ނިންމުން މާ އަވަސް. އަޅުގަނޑުމެއް ގަބޫލުކުރާ ގޮތުގައި އީޔޫއަށް މިޔަންމާގެ މައްޗަށް އޮތް ފިއްތުން އުވާލުމުން އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް އިތުރުވެގެން ދިއުމަކީ ގާތް ކަމެއް. މިހާތަނަށް އިންސާނީ ހައްގުތަކަށް ކޮންމެވެސް ވަރަކަށް މިޔަންމާގެ ސަރުކާރުން ވިސްނީ އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުުތަކުގެ ސަބަބުން،" ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓާ ފިލް ރޮބަޓްސަން ވިދާޅުވި އެވެ.

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 166 މުސްލިމުން މަރާލާފައިވާ ކަމަށް މިޔަންމާ ސަރުކާރުން ބުނި ނަމަވެސް، މިއަދަދު މިއަށް ވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަމަނުޖެހުންތަކުން ފިލުމަށް 120،000 މުސްލިމުން ބަންގުލަދޭޝް ފަދަ ގައުމުތަކަށް ގޮސްފައިވާ އިރު، މިޔަންމާގައި 800،000 އެއްހާ މުސްލިމުން ދިރިއުޅެމުންދެ އެވެ.