މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތަށް 2.51 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބި، ލަފާކުރި އާމްދަނީ އަށް ވުރެ 1.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު (ޖެނުއަރީ، ފެބުރުއަރީ އަދި މާޗް)ގައި ދައުލަތަށް 2.51 ބިލިއަން ރުފިޔާ ލިބިފަިއވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 24 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ފަހު ތިން މަހަށް ވުރެ 73 ޕަސެންޓް އިތުރު އަދަދެކެވެ.

މިިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފަިއިވާ އިރު ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީގެ މިދިޔަ ޖެނުއަރީން އެކަކުން ފެށިގެން އަށް ފަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ނެނގީ ހަ ޕަސެންޓެވެ.

މިދިޔަ ތިން މަހު މީރާ އަށް ލިބިފައިވާ އާމުދަނީގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެއާޕޯޓް ސާވިސްޗާޗްގެ ގޮތުގައި 99.27 މިލިއަން ރުފިޔާ ލިބިފައިވާ އިރު ވިޔަފާރި ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި 670.53 މިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 1.01 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 294.48 މިލިއަން ރުފިޔާ އާއި ޓޫރިޒަމް ޓެކުސްގެ ގޮތުގައި 230.62 މިލިއަން ރުފިޔާ އާއި ވެހިކަލް ފީގެ ގޮތުގައި 11.22 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު ފައިސާގެ އަދަދު ވަނީ 99.2 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އެހެންކަމުން ދައުލަތަށް ލިބުނު އާމްދަނީގެ 61 ޕަސެންޓް ލިބުނީ ޑޮލަރުގެ ގޮތުގަ އެވެ. އަދި މިދިޔަ ތިން މަހު ލިބުނު އާމުދަނީގެ 41 ޕަސެންޓް ޖީއެސްޓީ ހިއްސާކުރާ އިރު 27 ޕަސެންޓް ހިއްސާ ކުރަނީ ވިޔަފާރި ފައިދާ އިން ނަގާ ޓެކުސް އިންނެވެ. އަދި 12 ޕަސެންޓް ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބޭ އިރު ނުވަ ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ޓެކުސްގެ ގޮތުގަ އެވެ.

ވޭތުވެދިޔަ ތިން މަހުގެ އާމުދަނީ ވަކިވަކިން ބަލާ އިރު ޖެނުއަރީ މަހުގައި މީރާ އަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ފެބުރުއަރީ މަހުގައި ވަނީ 660 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި މާޗް މަހު އާމުދަނީގެ ގޮތުގައި މީރާ އަށް ލިބިފައި ވަނީ 802.3 މިލިއަން ރުފިޔާ އެވެ.