ސަރުކާރުގެ އިލެކްޓިރިކް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ މިލިޓެޑް (ސްޓެލްކޯ)އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ އަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ލޯނުގެ ގެރެންޓީ ސަރުކާރުން ދިނުމަށް މަޖިލީހުން ފުރަތަ ފާސްކޮށްފައި ވަނީ ސެޕްޓެންބަރު،1، 2009ގަ އެވެ. ނަމަވެސް އެ ގެރެންޓީގެ މުއްދަތު މި އަހަރަށް ހަމަވާނެތީ، އެ މުއްތަތު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ރައީސް ވަހީދު ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ލޯނުގެ ގެރެންޓީ އަންނަ އަހަރުގެ މާޗް 30ގެ ނިޔަލަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްދެއްވުމަށެވެ. ސިޓީއާ އެކު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ލޯނުގެ ތަފްސީލު ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާގެ ބަޔާންކޮށްފައި ވަނީ ލޯނެއް ނުވަތަ ގެރެންޓީއެއް ސަރުކާރުން ދޭން ވާނީ ފިނޭންްސް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، ރައީސް އެކަމަށް ރުހޭ ނަމަ މަޖިލީހުން އެ ހުށަހެޅުމެއް ފާސްކޮށްގެން ކަމަށެވެ.

ސްޓެލްކޯގެ 50 މިލިއަން ރުފިޔާގެ ލޯނުގެ ގެރެންޓީ ދިނުމަށް މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.