24 Apr 2013, 10:03
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ހަތަރެއް ސުމަކުން ބަލިކޮށް ފައިނަލާ ގާތަށް ޖަރުމަނުގެ ބަޔާން މިއުނިކް ޖެހިލައިފި އެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ބަޔާންއިން ނެގީ މެޗުގެ 25 ވަނަ މިނެޓުގައެވެ. އެލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި އެޓީމަށް ދެ ގޯލް ކާމިޔާބު ކޮށްދިން ޖަރުމަންގެ ފޯވާޑް ތޯމަސް މުލާއެވެ. އަދި ރޭގެ މެޗުގައި ބާސާކޮޅަށް ބަޔާނުން ޖެހި ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި މާރިއޯ ގޯމޭޒް ކާމިޔާބު ކޮށްދިން އިރު، ބަޔާންގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާޔެން ރޮބެންއެވެ.
ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިދެޓީމް ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައެވެ.
ރޭގެ މެޗަށްފަހު ބާސެލޯނާގެ އެސިސްޓެންޓް ކޯޗު ޖޯޑީ ރޯރާ ބުނީ، އަންނަ އަފްތާގެ ބުދަދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުން އާދަޔާ ހިލާފް މޮޅެއް ހޯދައިގެން ނޫނީ ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ނެތްއިރު އެމެޗުން އެ ނަތީޖާ ހޯދުމަށް ދުރާލާ މިހާރުއްސުރެ މަސައްކަތް ފައްޓަންވެއްޖެ ކަމަށެވެ. އަދި އެމެޗުގައި ބަޔާން ތަފާތުބޮޑު ނަތީޖާއަކުން ބަލިކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން އިތުރު ހިތް ވަރެއް ކުރުމަށް ޖޯޑި ބުންޏެވެ.
"އަމިއްލަ ދަނޑުގައި ބަޔާން ބަލިކުރެވިދާނެ. އެކަމަކު ފައިނަލަށް ދާން ބޭނުން ނަމަ ބަޔާން ބަލިކުރަން ޖެހޭނީ ބޮޑު ނަތީޖާއެއް ނެރެގެން" ޖޯޑީބުންޏެވެ.
ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ބުނީ، ރޭ ބާސާ އަތުން އޭނަގެ ޓީމް މޮޅުވުމުން އެކަމާ އުފާ ކުރާ ކަމަށާއި ދެ ވަނަ ލެގުގައި ވެސް ބާސާ އަތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އޭނާގެ ޓީމުން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.