24 Apr 2013, 09:48
ވޮޝިންޓަން (އެޕްރީލް 24): ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ލިބިފައިވާ ޕެރިސް ކްލަބްގެ ގައުމެއްގެ ގޮތުގައި އުތުރު ކޮރެޔާ ބަލައިގަތުމަށް އެގައުމުން ގޮވާލިގޮވާލުމަށް އެމެރިކާ ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ މަސްއޫލުވެރިއަކު އިއްޔެ ވިދާޅުވީ ނިއުކްލިއާ ގައުމެއްގެ ގޮތުގައި އުތުރު ކޮރެޔާ ބަލައިނުގަނެވޭނެ ކަމުގަ އެވެ. އަދި ކޮރެޔަން ޕެނިންސިއުލާގެ މަސްރަހު ފިނިކުރުމުގެ ގޮތުން އުތުރުކޮރެޔާއާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމުގެ ޝަރުތެއްގެގޮތުން އުތުރުކޮރެޔާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެގައުމުން އުސޫލެއްގެގޮތުން އެއްބަސްވާންޖެހޭނެ ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އުތުރުކޮރެޔާ ބުނެފައި ވަނީ އެމެރިކާއާ އެކު ސުލްހައިގެ ވާހަކަ ދައްކަން އެއްމޭޒެއްގެ ދޮށުގައި އިށީންނާނީ އެ ގައުމަކީ ވެސް ނިއުކްލިޔާ ގާބިލްކަން ލިބިފައިވާ ގައުމެއްކަމަށް އެމެރިކާ ގަބޫލުކޮށް ހަމަހަމައުސޫލަކުން މުޢާމަލާތްކުރާނަމަ އެވެ. އެމެރިކާ އަތުގައިވާ ނިއުކްލިޔާ ހަތިޔާރުތައް ހުރިގޮތަށް ބަހައްޓާފައި އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމާބެހޭ ގޮތުން ދައްކާ ސުލްޙައިގެ ވާހަކަ ތަކެއްގައި ބައިވެރިނުވާނެ ކަމަށާއި މިއީ ގަބޫލުކުރެވޭނެ ގޮތެއްނޫން ކަމަށް ވެސް އުތުރު ކޮރެޔާ ވަނީ ބުނެފަ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ޕެރިސް ކްލަބްގެ ގައުމެއްގެ ގޮތުގައި އުތުރު ކޮރެޔާ ބަލައިނުގަނެވޭނެ ކަމަށް އެމެރިކާ ބުނެފައި ވަނީ ނިއުކްލިޔާ ގައުމެއްގެ ގޮތުގައި އުތުރު ބަލައިގަތުމަށް އެގައުމުން އެމެރިކާ އަށް ގޮވާލިތާ ހައެއްކަ ގަޑީއިރުތެރޭގަ އެވެ. އުތުރުކޮރެޔާ ވަނީ ކޮރެޔަން ޕެނިންސިއުލާގެ މަސްރަޙު ފިނިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ބާރުތަކާ އެކު ވާހަކަ ދައްކަން އެގައުމު ތައްޔާރަށްއޮތް ނަމަވެސް މިވާހަކަތަކުގައި އެގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމުގެ މައްސަލަ ހިމަނައިގެން ނުވާނެ ކަމަށްބުނެފަ އެވެ.
އުތުރުކޮރެޔާ ވަނީ ތިން ފަހަރެއްގެ މަތިން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކޮށްފަ އެވެ. އަދި އުތުރުގައި 10 ވަރަކަށް ނިއުކްލިޔާ ބޮން އެބައޮތްކަމަށް ވެސް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)