މަޝްހޫރު ނިއުސް އޭޖެންސީ "އެސޯސިއޭޓެޑް ޕްރެސް" (އޭޕީ)ގެ މައި ޓްވިޓާ އެކައުންޓް ހެކްކޮށް އެ އެކައުންޓްގެ "ބްރޭކިން ނިއުސް"ގައި ވައިޓްހައުސްގައި ބޮމެއް ގޮއްވާލި ކަމަށް ލިޔެ ދުނިޔެ ސިއްސުވާލައިފި އެވެ.

އޭޕީގެ މެއިން ޓުވިޓާ އެކައުންޓް ހެކްކުރުމަށް ފަހު، އެކައުންޓަށް ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ "ވައިޓްހައުސްގައި ދެ ގޮވުމެއް ގޮވައި، ރައީސް އޮބާމާ ޒަހަމްވެއްޖެ" ކަމަށެވެ.

އެ ހަބަރު ފެތުރުމާއެކު ވައިޓްހައުސްގެ ޖާނަލިސްޓެއް ވަނީ އެފަދަ ހާދިސާއެއް ވައިޓްހައުސްގައި ނުހިނގާ ކަމަށާއި އަދި އޭޕީގައި ވަނީ ދޮގު ހަބަރެއް ކަމަށް ބުނެ މީޑިޔާގައި ރިޕޯޓްކޮށްފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އޭޕީ އިން އެހެން އެކައުންޓެއް މެދުވެރިކޮށް ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ "އޭޕީގައި ކުރިން ލިޔެފައި ވަނީ ތެދު ހަބަރެއް ނޫންކަމަށާއި އެއީ އެކައުންޓް ހެކް ކުރުމަށް ފަހު ހެކަރު ޝާއިއުކޮށްފައިވާ ހަބަރެއް" ކަމަށެވެ.

"އޭޕީގެ ޓްވިޓާ އެކައުންޓް AP@ މިހާރު ވަނީ ސަސްޕެންޑް ކުރެވިފައި. އަދި ވައިޓް ހައުސް އަށް ހަމަލާ ދިންކަމަށް ފަތުރާފައި ވަނީ ދޮގު ހަބަރެއް،" އޭޕީ ނިއުސް އޭޖެންސީން ބުނެފައިވެ އެވެ.

އެ ހަބަރު ފެތުރުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވައިޓްހައުސްގެ ތަރުޖަމާނު ޖޭ ކާނީ ވަނީ، އޮންއެއާ މެދުވެރިކޮށް، ވައިޓް ހައުސްގައި އެފަދަ ނުރަށްކާތެރި އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށާއި އަދި އެފަދަ ހަމަލާއެއްގެ ސަބަބުން ރައީސް ބަރަކް އޮބާމާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ.

ސީރިއަން އިލެކްޓްރޯނިކް އާމީ ކިޔާ ފަރާތަކުން ވަނީ އޭޕީ އެކައުންޓް ހެކްކުރީ އެފަރާތުން ކަމަށް ބުނެފަ އެވެ. އެކަމަކުއޭގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. އޭޕީ އިން ބުނެފައިވާ ގޮތުގައި އޭޕީގެ މެއިން އެކައުންޓް ހެކުރުމަށް ފަހު އެ ނިއުސް އޭޖެންސީގެ އެހެނިހެން އެކައުންޓްތަކަށް ވެސް ހެކަރުން ހަމަލާދީފައިވެ އެވެ. އެގޮތުން އޭޕީން ބުނެފައި ވަނީ AP_Mobile@ ވެސް ހެކްކޮށްފައިވާ ކަމަށެވެ.

އޭޕީގެ މެއިން ޓްވިޓާ އެކައުންޓަކީ ސޯޝަލް މީޑިއާ ބޭނުން ކުރަމުންގެންދާ، ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.