ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އިން މިފަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ޓަކައި މި އަހަރު އިސްލާމިކް މިނިސްޓްރީ އިން ހުއްދަދިން ޖަމާއަތްތަކާއި އައިލެންޑް އޭވިއޭޝަން އާ ވާހަކަ ދެއްކިގެން މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަޝާތު ވިދާޅުވީ މިހާރު އެކަންތައް ފައިނަލް ނުކުރެވި ވަނީ މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދިން މައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދާތީ ކަމަށެވެ.

"ގައުމީ އެއާލައިން އިން ސީދާ ސައުދީ އެއާޕޯޓަށް ޖެއްސުމަކީ ހައްޖާޖީން އަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް. އެގޮތުން މިއީ ސީދާ ހުސް ދިވެހިންދާ ފުލައިޓަކަށް ވުމާއި ކެބިން ކުރޫ އިންނަކީ ވެސް ދިވެހިންކަމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދި އަގުތަކެއް ވެސް އަދި ދަތުރު ޝެޑިއުލްއެއް ވެސް ފައިނަލް ނުކުރެވޭ ކަމަށެވެ. ނަމަވެސް ކޯޓްގައި އޮތް މައްސަލަ ނިމޭހާ އަވަހަކަށް އެކަންތައްތައް ފައިނަލް ކުރެވިގެންދާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މީހުން ހައްޖަށް ގެންދިއުމުގައި ބޭނުންކުރާނީ މޯލްޑިވިއަންއިން އަލަށް ގެނައި ބޮޑު ބޯޓް އޭ320 ކަމަށެވެ. އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މޯލްޑިވިއަންގެ ބޯޓެއްގައި ގެންދިއުމަށް މަސައްކަތް ކުރަމުންދާ އިރު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވުމުން މީހުން ހައްޖަށް ގެންދިއުމުގެ ކަންތައް ވަނީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީ އިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ވެސްކޮށްފަ އެވެ.