އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ހުރި ލަކުނޑި ގޮނޑިތަކެއްގައި ކަތުރު ފަނި އަޅައި، މުޅި ކޮންވެންޝަން ސެންޓަރުގައި ކަތުރު ފަނި އަޅައިފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރޭ ވިދާޅުވީ ކޮންވެންޝަން ސެންޓަރަށް ބަޔަކު ގޮވައިގެން ކުރި ޒިޔާރަތެއްގައި އެތަނުގެ ގޮނޑިތަކެއްގައި ކަތުރުފަނި އަޅާފައިވާތަން ފެނުނު ކަމަށާއި ނަމަވެސް ކޮންވެންޝަން ސެންޓަރުގެ އެހެން ހިސާބެއްގައި ކަތުރުފަނި އަޅާފައި ނުވާ ކަމަށެވެ. ކަތުރުފަނި އަޅާފައި ވަނީ ކޮންވެންޝަން ސެންޓަރުގެ ބޮޑު ކޯލުގައި ހުރި ގޮނޑިތަކެއްގައާއި ފުރަތަމަ ފަންގިފިލާގެ ކުޑަކޮޓަރިތަކުގައި ހުރި ގޮނޑިތަކެއްގައި ކަމަށް ސޯބެ ވިދާޅުވި އެވެ.

"ބަޔަކު ގޮވައިގެން ދާދިފަހުން އަޅުގަނޑު އެތަނަށް ވަދެލިއިރުގައި އެތަނުގެ ގޮނޑިތަކުގައި ހުރި ކަތުރުފަނި އަޅާފައި. ތިރީގައި ހުރި ގޮނޑިތަކެއްގައާއި މަތީގައި ހުރި ގޮނޑިތަކެއްގައި ވެސް ހުރީ ކަތުރުފަނި އަޅާފައި،" ސޯބެ ވިދާޅުވި އެވެ.

ލަކުނޑި ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ ސެންޓަރުން ކަތުރުފަނީގެ އަލާމާތްތަކެއް ފެނުނު ނަމަވެސް ކަތުރުފަނި ނައްތާލުމަށް އެ ތަނާ ހަވާލުވެފައިވާ ހައުސިން މިނިސްޓްރީން އެއްވެސް ކަމެއް ނުކުރާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮންވެންޝަން ސެންޓަރުން ކަތުރުފަނީގެ އަލާމާތްތަކެއް ފެނުމުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ އެމްއެންޑީއެފުން އެ މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ ކޮންވެންޝަން ސެންޓަރުގައި ކަތުރުފަނި އަޅާފައިވާ ކަމެއް އެނގިފައި ނުވާ ކަމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ އެކަން ސާފުކުރަން ޖެހޭނީ އެތަނާ ހަވާލުވެފައިވާ ހައުސިން މިނިސްޓްރީން ކަމަށެވެ.

ކޮންވެންޝަން ސެންޓަރުގައި ކަތުރުފަނި އަޅާފައިވާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮންވެންޝަން ސެންޓަރު ވިޔަފާރީގެ ގޮތުން ބޭނުން ކުރާނެ ބަޔަކު ހޯދުމަށް ސަރުކާރުން އެތައް ފަހަރަކު ކުރި މަސައްކަތުން ވަނީ އެދެވޭ އިޖާބައެއް ނުލިބިފަ އެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތް ކުރީ 150 މިލިއަން ރުފިޔާ އަށެވެ. އެއީ 2011 ވަނަ އަހަރު އޮތް 17 ވަނަ ސާކް ސަމިޓަށެވެ.