24 Apr 2013, 09:16
ބްރަސަލްސް (އެޕްރީލް 24): ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގައި ލިބޭއާމްދަނީއަށް ވުރެ ޚަރަދުކުރުން އިތުވުމާއި ދަރަނީގެ މައްސަލަތައް އަދިވެސް ބޮޑުވަމުންދާކަން އެ އިއްތިޙާދުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އޮފީހުން ހާމަކޮށްފި އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އޮފީސް"ޔޫރޯ ސްޓެޓް"އިން ނެރުނު މާލީ ތަފާސްހިސާބުތަކާ ބެހޭ ރިޕޯޓެއް ބުނާ ގޮތުން ޔޫރަޕްގެ އިއްތިޙާދާއި އެއިއްތިޙާދުގައި ހިމެނޭ ޔޫރޯޒޯންގައި ހިމެނޭ 17 ގައުމުގެ ދަރަނި 2012 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ވަރަށްބޮޑުތަން އިތުރުވެފަ އެވެ. މިގޮތުން މި 17 ގައުމުގެ ދަރަންޏަށް 2012 ވަނަ އަހަރު 375 ބިލިޔަން އެމެރިކާ ޑޮލަރު އިތުރުވެ، ޖުމްލަ ދަރަނީގެ ޢަދަދު ވަނީ 11 ޓްރިލިޔަން ޑޮލަރަށް އަރައިފަ އެވެ.
ދެ ހާސް ބާރަ ވަނަ އަހަރު ޔޫރޯ ޒޯންގެ ގައުމުތަކުގެ ދަރަންޏަށް 375 ބިލިޔަން އިތުރުވެފައި ވަނީ މާލީގޮތުން އިނދަޖެހުމުން ސަލާމަތްވުމަށް ޓަކައި މިގައުމުތަކުން ނަގާފައިވާ ލޯންތަކުގެ ތަކުގެ ސަބަބުންނެވެ. މާލީގޮތުން އިނދަޖެހުމުން ސަލާމަތްވުމަށް ޓަކައި ޔޯރޯޒޯންގެ ގައުމުތަކުގެ ތެރެއިން ބޮޑެތި ލޯންތައް ނެގި ގައުމުތަކުގެ ތެރޭގައި ގްރީސް ހިމެނެ އެވެ. މިގޮތުން ޔޫރޯ ޒޯންގެ 17 ގައުމުގެ ދަރަނީގެ މިންވަރަކީ 2012 ވަނައަހަރު އެގައުމުތަކަށް ލިބުނު އާމްދަނީގެ 90 ޕަސެންޓް ކަމަށް ވެސް މި ރިޕޯޓް ބުނެ އެވެ.
"ޔޫރޯ ސްޓެޓް"ގެ ރިޕޯޓްގައިވާ ގޮތުން ޔޫރޯޒޯންގައި ހިމެނޭ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގެ ތެރޭން ލިބޭ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވަމުގެ ސަބަބުން ހަތަރު ގައުމެއްގައި ވަނީ ބަޖެޓް ޑެފިސިޓް އާދަޔާ ޚިލާފަށް މައްޗަށްގޮސްފަ އެވެ. މިހަތަރު ގައުމަކީ ގްރީސް، އަޔަރލެންޑް، ޕޯޗްގަލް އަދި ސައިފްރަސް އެވެ. މިގައުމުތަކުގެ ޑެފިސިޓް މައްޗަށް ގޮސްފައި ވަނީ ޚަރަދުކުޑަކުރުމުގެ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރަމުން ގެންދަނިކޮށް ކަމަށްވެ އެވެ.
މިހަތަރު ގައުމުގެ ތެރޭން 2012 ވަނަ އަހަރު ގްރީސްގެ ބަޖެޓް ޑެފިސިޓަކީ 10.6 ޕަސެންޓް އެވެ. އަޔަލޭންގެ 10 ޕަސެންޓެވެ. ޕޯޗްގަލްގައި 7.6 ޕަސެންޓެވެ. ސައިފްރަސްގައި 6.3 ޕަސެންޓެވެ. ބަޖެޓް ޑެފިސިޓާއި ދަރަނީގެ މައްސަލަތަކުގެ ސަބަބުން ޔޫރޯޒޯންގެ ގިނަ ގައުމުތައް މިހާރު ވެއްޓިފައިވާ އިޤްތިސާދީ ހީނަރުކަމުގެ ސަބަބުން ސަލާމަތްވާނެ ދުވަހެއް ލަފާކުރަން ދަތިކަމަށް ތަޖްރިބާކާރުން ބުނެ އެވެ. (ނޫސްއެޖެންސީތައް)