24 Apr 2013, 07:59
ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅަން ޖެހޭ މާލީ ހިސާބުތައް އޮޑިޓު ކުރުމަށްޓަކައި އެ އޮތޯރިޓީން ހުއްދަ ދީފައިވާ އޮޑިޓަރުންގެ ނަންތައް މީރާ އިން ހާމަކޮށްފި އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީގައި މިހާތަނަށް ރަޖިސްޓްރީކޮށް، ހުއްދަދީފައި ވަނީ 14 އޮޑިޓް ފާމަކާއި އަދި އަމިއްލަ ހަތަރު ފަރާތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކާ ބެހޭ މައުލޫމާތު މީރާގެ ވެބްސައިޓްގައި މިހާރު ޝާއިއުކުރެވިފައި ވާނޭ ކަމަށެވެ.
ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނާއި ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން މީރާ އަށް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ބީޕީޓީ ބަޔާނާ އެކު ހުށަހަޅަން ޖެހޭ މާލީ ހިސާބުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކެއް ކަމަށް އެ އޮތޯރިޓީގެ ޓެކްސް ރޫލިންގައި ކަނޑައަޅާފައި ވާނޭ ކަމަށް ވެސް އެ އޮތޯރިޓީން އިން ވަނީ ބުނެފަ އެވެ.