21 Oct 2010, 17:27
މިރޭ ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ޖަލްސާގެ ރިޔާސަތު ދޫކުރައްވައި އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު ނިކުމެވަޑައިގެންފި އެވެ.
ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ އިދާރީ ގަވައިދު ފާސްކުރުން އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން އެސްބަސްވެ ވަޑައިގަތުމުން، މިރޭގެ ކުއްލި ޖަލްސާ ކުރިޔަށް ގެންދިއުމަށް މެންބަރުން އެދިވަޑައިގަތުމުން ރައީސް އާދަމް މުހައްމަދު ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަތީ "އަޅުގަނޑުގެ މައްޗަށް ޝަރުތެއް ނުކުރެވޭނެ" ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށެވެ.
ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު ނަން ހާމަ ނުކުރައްވައި ވިދާޅުވީ މިރޭގެ ޖަލްސާއަކީ ވަރަށް ކުރު ޖަލްސާއެއް ކަމަށާއި ރައީސް ރިޔާސަތު ދޫކޮށްލައްވައި ނުކުމެ ވަޑައިގަތީ ވެސް ކުއްލި ގޮތަކަށް ކަމަށެވެ.
"އަނެއްހެން ޖަލްސާތެރޭގައި ހަމަނުޖެހުންތަކެއް ނެތް. ހަމަ ކުއްލި ގޮތަކަށް ނުކުމެ ވަޑައިގަތީ،" އެ މެންބަރު ވިދާޅުވި އެވެ.
އާދަމް މުހައްމަދު އެގޮތަށް އަމަލު ކުރެއްވެވި އިރު ކޮމިޝަންގެ ހިންގާ ގަވައިދުގެ 13 ވަނަ މާއްދާގައި ބުނަނީ ކޮމިޝަންގެ މެންބަރުން ވަކި ކަމެއް އެޖެންޑާ ކުރަން އެދިވަޑައިގެންފިނަމަ އެކަމެއް އެޖެންޑާ ކުރަން ޖެހޭނެ ކަމަށެވެ.
ކޮމިޝަންގެ އިދާރީ ގަވައިދު ފާސް ކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނުން ލިބިދީފައިވާ މުއްދަތު ވަނީޖެނުއަރީ26، 2010 އަކަށް ވަނީ ހަމަވެފަ އެވެ.
‹އަޅުގަނޑުގެ މައްޗަށް ޝަރުތެއް ނުކުރެވޭނެ›
ކޮމިޝަނުން ބުނީ ގަވައިދެއް ނެތި ކޮމިޝަނުން ނިންމާ ނިންމުންތަކާ މެދު ގާނޫނީ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު އޮތުމާއެކު ގަވައިދު ފާސް ކުރުމަށް އެންމެ އިސްކަމެއް ދިނުމަށް މެންބަރުން ތަކުރާރުކޮށް އެކި ޖަލްސާތަކުގައި އެދެމުންދާ އިރު ކޮމިޝަންގެ ރައީސް އެކަމަށް ފަސްޖެހި ވަޑައިގެންފައިވާ ކަމަށެވެ.
މިރޭގެ ކުއްލި ޖަލްސާއަކީ ފަނޑިޔާރުންގެ ފެންވަރުމަތި ކުރުމަށް ހިންގާ ތަމްރީނު ކޯހެއްގައި ބައިވެރިވެވަޑައިގަތުމަށް ޖިނާއީ ކޯޓާއި އާއިލާއާ ބެހޭ ކޯޓް އަދި ގދ. ތިނަދޫ ކޯޓާއި ގދ. މަޑަވެލީ ކޯޓުގެ އިސް ފަނޑިޔާރުން ހަމަޖެއްސެވުމަށް ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާ ބޭއްވުމުގެ މައްސަލަ ވެސް ކޮމިޝަނަށް ލިބިފައިވާތާ ތިން ދުވަސް ވެއްޖެ އެވެ.
މިރޭގެ ޖަލްސާ އަށް ވަޑައިގަތީ ކޮމިޝަންގެ 10 މެންބަރުންގެ ތެރެއިން ހަ މެންބަރުންނެވެ.