23 Apr 2013, 23:26
ޑީއާރުޕީން މަސައްކަތް ކުރަނީ ގައުމީ މަސްލަތަށް ކަމަށާއި އެ ޕާޓީގެ "ނާރަހެކީ ވެސް ގައުމީ މަސްލަތު" ކަމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ފެށުނު ޑީއާރުޕީގެ ގައުމީ ޖަލްސާއަށް ރާއްޖެތެރެއިން މާލެއައިސް ތިބި މީހުންގެ ޝަރަފްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ތަސްމީނު ވިދާޅުވީ ޑީއާރުޕީއަކީ އަމިއްލަ އެދުމަށް މަސައްކަތްކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ސިޔާސީ ފައިދާއާއި، ޒާތީ މަންފާއަށް ވުރެ ގައުމު އިސްކުރާ ޕާޓީއެއް. ޑީއާރުޕީގެ ސިޔާސަތުގެ ނާރެހަކަށް ވާނީ ގައުމުގެ މަސްލަތު. އަޅުގަނޑުމެން ދެކޭ ގޮތުގައި ވަކި ފަރުދަކަށް ވުރެ ގައުމު ބޮޑުވާނެ،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ތަސްމީނު ވިދާޅުވީ ޑީއާރުޕީއަކީ "ވަރުގަދަ ޕާޓީއެއް "ގެ ގޮތުގައި މި އޮންނަނީ ޕާޓީގެ މެންބަރުންގެ މަސައްކަތުން ކަމަށާއި ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލު ހޯދުން ގައުމީ ޖަލްސާ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ.
ޑީއާރުޕީގެ ހަތަރުވަނަ ގައުމީ ޖަލްސާއަށް އިޝާރާތް ކުރައްވައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓު ތަސްމީނު ވިދާޅުވީ އެ ޖަލްސާގައި ވަރަށް ބިނާކުރުވަނި ޚިޔާލުތައް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އަދި ބާއްވާ އިންތިހާބަކީވެސް އިންސާފްވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
މިއަދު ފެށުނު ޑީއާރުޕީގެ ގައުމީ ޖަލްސާއަށް ގާތްގަނޑަކަށް 700 މަންދޫބުން މާލެ އައިސްފައިވާ ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ. ޑީއާރުޕީގެ ގައުމީ ޖަލްސާ ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.