23 Apr 2013, 21:38
ދޯންޏެއްގެ ބުރަފަތީގައި އޮޅުނު ކަންވާރެއް ނައްޓަން މޫދަށް ފައިބައި އުޅެނިކޮށް ބުރަފަރީގައި ޖެހި ދ. މީދޫ ޒުވާނަކު މިއަދު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
އެ ހާދިސާގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ދ. މީދޫ، ކުދިމާގެ، ނައުފް އިބްރާހީމް 18 އަށެވެ.
ނައުފްގެ އާއިލާ އިން ބުނީ މީދޫ ''މަޝްހޫރު'' ދޯނި މަހަށް ނުކުމެ އުޅެނިކޮށް ބުރަފަތީގައި ކަންވާރެއް އޮޅިގެން އެ ކަންވާރު ނައްޓަން މޫދަށް ފައިބައި އުޅެނިކޮށް ބުރަފަތީގައި ނައުފްގެ ބޯ ޖެހި، ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އެތެރެއަށް ލޭ އެޅިފައިވާ ކަމަށެވެ. ނައުފްގެ ބޯ ބުރަފަތީގައި ޖެހެން މެދުވެރިވީ ދޯނީގެ ކެޕްޓަން ފާހާނާ އަށް ވަން ގަޑީގައި އެހެން މީހަކަށް "ނޭނގިގެން" ދޯނި ފަހަތަށް ޖަހަންވެގެން ގިޔަރު ކަނޑާލި ވަގުތުގައި ކަމަށް އާއިލާ އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ލ. އަތޮޅު ސަރަހައްދާ ކައިރީގައި ކަމުން ލ. އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އެ ހޮސްޕިޓަލްގެ ލަފާގެ މަތިން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަށެވެ. އޭނާ މާލެ ގެނައީ އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގަ އެވެ.
ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ހަށިގަނޑުގެ ގިނަ ތަންތަނެއް ކަފައިގެން ގޮސްފައިވާ ނައުފަށް ފަރުވާ ދޭން ޖެހޭ ވަރަށް އައިޖީއެމްއެޗުން ފަރުވާ ނުލިބޭ ކަމަށާއި އިތުރު ފަރުވާއަށް މިރޭ ލަންކާއަށް ފުރާނެ ކަމަށް އާއިލާއިން ބުންޏެވެ.