23 Apr 2013, 20:34
އިނގިރޭސިވިލާތުގެ ލަންޑަނުގައި މި މަހުގެ 26 ވަނަ ދުވަހު ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު ސަރުކާރު ބަދަލުވި ގޮތާ ގުޅިގެން އުފެދިފައިވާ ބައެއް ސުވާލުތަކަށް ސަރުކާރުން ޖަވާބެއް ލިބޭން ދެން ސީމެގްގެ ބައްދަލުވުންތަކުގައި ރާއްޖެ ބައިވެރި ނުކުރާ ގޮތަށް ނިންމައިފައި އޮތުމަށް ފަހު މިއީ އެފަދަ ފުރުސަތެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ސީމެގުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައި ވާތީ، އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ރޭ ލަންޑަނަށް ފުރައިވަޑައިގެންފައިވާ ކަމަށެވެ.
ސީމެގްގެ ބައްދަލުވުން ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ކުރި އެރުވުމަށް ރައީސް ޑރ. ވަހީދުގެ ކޯލިޝަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ރަނގަޅު މިސްރާބުގައި ކުރިއަށްދާކަން ކޮމަންވެލްތުންނާއި، އަދި ބައިނަލް އަގުވާމީ މުޖުތަމައުންވެސް ބަލައިގެންފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
".... ސަރުކާރު ބަދަލުވި ފަހުން މިއީ ފުރަތަމަ ފަހަރަށް ސީމެގްގެ ބައްދަލު ވުމެއްގައި ހަމަ އެހެން ގައުމު ތަކެކޭ އެއް ހައިސިއްޔަތަކުން ބައިވެރި ވުމުގެ ފުރުސަތު ރާއްޖެއަށް ލިބޭ. އަޅުގަނޑު ދަންނަވާނީ ރައީސް ވަހީދުގެ ސަރުކާރުން އަދި ފޮރިން މިނިސްޓްރީގެ އިސްނެގުމަށް ކޮމަންވެލްތާއި އެކީ މި ކުރެވުނު މަސައްކަތް ތަކުގެ ވަރަށް މުހިއްމު ކާމިޔާބީ އެކޭ އަޅުގަނޑުމެންނަށް މިހާ ހިސާބަށް މި އާދެވުނު އިރު މި ފެނުނީ،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ސީމެގުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ލިބުމަކީ ރައީސް ޑރ. ވަހީދުގެ ސަރުކާރުން ކޮމަންވެލްތާ އެކު ކުރި މަސައްކަތުގެ ފޮނި ކާމިޔާބީއެއް ކަމަށެވެ.
މިފަހަރުގެ ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ތައްޔާރު ކޮށްފައިވާނެ ކަމަށާއި އެ ހުށަހެޅުންތައް ފޮރިން މިނިސްޓަރު ސަމަދު ސީމެގުގެ ބައްދަލުވުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ ބައްދަލުވުމުގައި އެހެން ގައުމުތަކުގެ ކަންކަމާއި ގުޅޭ ގޮތުން ކުރެވޭ މަޝްވަރާ ތަކުގައިވެސް ރާއްޖެއަށް ބައިވެރި ވެވޭނެ ކަމަށެވެ. އަދި ކޮމަންކޮމަންވެލްތުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ އިތުރުން ސީމެގްގެ މަސައްކަތް ތަކާއި ގުޅޭ ގޮތުން ކުރެވޭ މަޝްވަރާ ތަކުގައިވެސް ބައިވެރި ވުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޮރިންމިނިސްޓަރު ސަމަދުގެ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ފޮރިންމިނިސްޓްރީ އާއި ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އޭގެ އިތުރުންވެސް ހައުސް އޮފް ޕާލިމެންޓުގެ ބައެއް މެމްބަރުންނާއިވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.