ޑީއާރްޕީގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން އެ މަގާމުތަކަށް އިތުރު ދައުރަކަށް ކުރިމަތިލައްވާއިރު ޕްރައިރީ އަކާ ނުލައި، އެ މަގާމަށް ކުރިމަތި ލުމުގެ ޓިކެޓް ޕާޓީގެ ކައުންސިލަށް ދެވޭގޮތަށް ގައުމީ ޖަލްސާ އިން ފާސްކޮށްފި އެވެ.

އާންމު އިންތިޚާބަކަށް ހުޅުވާލެވޭ މަގާމެއްގައި ހުންނަ ޑީއާރުޕީ މެންބަރަކު އިތުރު ދައުރަކަށް ކުރިމަތިލުމަށް ބޭނުންވާ ނަމަ ޕާޓީގެ އެތެރޭގެ އިންތިޚާބަކާ ނުލައި ވެސް ޕާޓީގެ ޓިކެޓްގައި ކުރިމަތި ލުމުގެ ފުރުސަތު ކައުންސިލަށް ދެވޭގޮތަށް އެ ޕާޓީގެ އަސާސީ ގަވާދަށް އިސްލާހު ގެނެއީ މިހާރު ހިނގަމުންދާ އެ ޕާޓީގެ ގައުމީ ޖަލްސާގައި މެންބަރުންގެ ވޯޓުންނެވެ.

ޕާޓީގެ އަސާސީ ގަވާއިދަށް އެ އިސްލާހު ގެނައުމާ މެދު މެންބަރުންގެ ޚިޔާލު ތަފާތުވި އެވެ. އެގޮތުން އެ އިސްލާހު ގެނައުމާ އެއްކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ޑީއާރްޕީގެ ޓިކެޓްގައި އިންތިޚާބު ވެފައިވާ މެންބަރުންގެ ތެރެއިން މިހާތަނަށް ވެސް އެ ޕާޓީގައި ތިއްބެވި މީހުންގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި ޕްރައިމަރީއަކާ ނުލައި ކައުންސިލުން ފާސްކޮށްފި ނަމަ އެ މީހުނަށް ޓިކެޓް ދިނުމަކީ މައްސަލައެއް ނޫނެވެ.
ނަމަވެސް އެ އިސްލާހާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އެ ފަދަ އިސްލާހެއްގެ ސަބަބުން އެހެން މެންބަރުނަށް ޑީއާރުޕީގެ ޓިކެޓް ހޯދުމަށް އޮތް ދޮރު ބަންދުވެގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މީގެ އިތުރުން އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރޭގައި ޕާޓީ އުވާލެވޭ ހާލަތުގައި އަމަލުކުރާނެ ގޮތް ނިންމާ ބަޔަކީ ޕާޓީގެ ކައުންސިލު ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު ބުނެފައި ވަނީ ޕާޓީ އުވާލުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާނީ ގައުމީ ޖަލްސާއިން ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޑީއާރުޕީގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް މެންބަރުން އިންތިޚާބުކުރާނެ އެވެ. އެކި ރަށްތަކުން މަންދޫބުން ބައިވެރިވާ އެ ޖަލްސާގައި ގާތްގަނޑަކަށް 700 މަންދޫބުން ބައިވެރިވެފައިވާ ކަމަށް ޑީއާރްޕީން ބުނެ އެވެ.