23 Apr 2013, 18:09
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕް ޖީގެ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މެލޭޝިޔާގެ ކެލަންޓަންއާއި ބައްދަލުކޮށް ހަ ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން މާޒިޔާއިން ކެލަންޓަން ބަލިކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ކުރި ހޯދީ ކެލަންޓަންއިންނެވެ. އެޓީމު މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ މެޗުގެ ހަތްވަނަ މިނިޓުގައި ހާރިސް ސަފްވާންއެވެ. ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މާޒިޔާގެ އަހްމަދު ރަޝީދަށް ފައުލު ކުރުމާއި ގުޅިގެން މެޗުގެ 28 ވަނަ މިނިޓުގައި ކެލަންޓަންގެ މުހައްމަދު ޒަމްރީއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ކެލަންޓަންގެ 10 ކުޅުންތެރިންނާ ދެކޮޅަށް އެޓޭކިން ގޭމެއް ކުޅެވޭތޯ މަސައްކަތް ކުރަމުންދިޔަ މާޒިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 41 ވަނަ މިނިޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދުއެވެ.
މެޗުގެ 53 ވަނަ މިނިޓުގައި މާޒިޔާއަށް ކުރި ހޯދައިދިނީ އަސަދުﷲ އަބްދުﷲއެވެ. އަދި ފަހު ހާފު އެއްކޮށްހެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންއައި މާޒިޔާއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 76 ވަނަ މިނިޓުގައި އިސްމައިލް އީސާއެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު މެޗުގެ 82 އަދި 84 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވަޑް ހަސަން އަދުހަމްއެވެ. އަދި އޭގެ ތިން މިިިނިޓުފަހުން މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާންއެވެ.
ކެލަންޓަންގެ މައްޗަށް މިއަދުގެ މެޗުން ކުރި ހޯދުމުން ގުރޫޕުގެ ތިންވަނައިގައި އޮތް މާޒިޔާއަށް މިހާރުވަނީ ފަސް މެޗު ކުޅެގެން ހަތް ޕޮއިންޓު ލިބިފައެވެ. އަދި އެގުރޫޕުގެ އަނެއް މެޗުގައި ވިއެޓްނާމްގެ ޑަނަންގު، މިޔަންމާގެ އަޔެވާދީ އަތުން ތިނެއް އެކަކުން މޮޅުވުމުން އެކުލަބަށް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ. ގުރޫޕްގެ އެއްވަނައިގައި އަދިވެސް އޮތީ ޖުމުލަ 10 ޕޮއިންޓާއެކު ކެލަންޓަންއެވެ.
މިދެޓީމް މެލޭޝިޔާގައި ބައްދަލުކުރި މެޗު ވަނީ އެކެއް އެކަކުން އެއްވަރުވެފައެވެ. އަދި މިމަހު 30 ވަނަ ދުވަހު ގުރޫޕް ސްޓޭޖްގައި މާޒިޔާ ކުޅެންޖެހޭ ފަހުމެޗުގައި ބައްދަލު ކުރަން ޖެހޭނީ ވިއެޓްނާމްގެ ޑަނަންގްއާއެވެ. އެމެޗުން މޮޅުވެއްޖެނަމަ މާޒިޔާއަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. ރާއްޖޭގައި އެދެޓީމު ކުޅުނު މެޗު ދޭއް ތިނަކުން ކާމިޔާބުކުރީ ޑަނަންގުއެވެ.