ޑީއާރްޕީގެ އެންމެ އިއްޒަތްތެރި އަދި އެންމެ ގަދަރުވެރި މަގާމުގެ ގޮތުގައި އޮންނަ "ޕާޓީގެ ޒައީމް" ގެ މަގާމު އުވާލުމަށް އެ ޕާޓީގެ ގައުމީ ޖަލްސާއިން ފާސްކޮށްފި އެވެ.

ޒައީމުގެ މަގާމަކީ ހަމަ އެކަނި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ޚާއްސަ ކޮށްފައި އޮންނަ މަގާމެކެވެ. އެ ޕާޓީގެ މުހިންމު މަގާމުގެ ގޮތުގައި ޒައީމް މަގާމު ކަނޑައަޅާފައި ވަނީ އަސާސީގެ ގަވާއިދުގެ 73 ވަނަ މާއްދާގަ އެވެ. އެ މާއްދާ އުވާލާފައިވަނީ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 602 މަންދޫބުން ވޯޓުދެއްވައިގެންނެވެ.

ޑީއާރްޕީގެ ޒައީމަކީ އެ ޕާޓީ އުފެއްދެވި ރައީސް މައުމޫނު ކަމަށް ކަނޑައަޅާފައިވާ އެ މާއްދާ ބާތިލްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވާފައި ވަނީ އެންމެ 10 މެންބަރުންނެވެ.

މިހާރު އަމަލުކުރަމުންދާ ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 73 ވަނަ މާއްދާގެ (ހ) ބުނަނީ ޕާޓީގެ ޒައީމްގެ މަގާމަކީ އިއްޒަތާއި ޝަރަފާއި ގަދަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކުލެވިގެންވާ، ޕާޓީގެ އެންމެ އިއްޒަތްތެރި އަދި އެންމެ ގަދަރުވެރި އަދި ޝަރަފްވެރި މަގާމު ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕާޓީގެ ޒައީމުގެ މަގާމަކީ ދިވެހި ރައްޔިތުންގެ ޕާޓީ އުފައްދަވާ ބިނާކުރެއްވި ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ޚާއްސަ ކުރެއްވިފައިވާ ޕާޓީގެ އެންމެ މަތީ ޝަރަފު ކަމަށެވެ.

މިއަދު މެންދުން ފެށިގެން ކުރިއަށްދާ ޑީއާރުޕީގެ ހަތަރު ވަނަ ގައުމީ ޖަލްސާގައި އަސާސީ ގަވާދަށް ހުށަހަޅާފައިވާ ނުވަ އިސްލާހުގެ ތެރެއިން އަށް އިސްލާހަކަށް ވޯޓަށް އަހާފައިވާއިރު އޭގެ ތެރެއިން އެންމެ އިސްލާހެއް ފިޔަވައި އެހެން ހުރިހާ އިސްލާހެއް ވަނީ ފާސްވެފަ އެވެ.

އާސާސީ ގަވާދަށް ހުށަހެޅުނު އިސްލާހުތަކުގެ ތެރެއިން ބޭރުކޮށްލާފައިވަނީ ޒުވާނުން ގޮފީގެ އެއްވެސް މަގާމަކަށް ކުރިމަތިލެވޭނީ އުމުރުން 31 އަހަރުވުމުން ކަމަށް ބުނެ ހުށަހަޅާފައިވާ އިސްލާހެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޑީއާރުޕީ ގައުމީ ޖަލްސާގައި އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް މެންބަރުން އިންތިޚާބުކުރާނެ އެވެ. އެކި ރަށްތަކުން މަންދޫބުން ބައިވެރިވާ އެ ޖަލްސާގައި ގާތްގަނޑަކަށް 700 މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.