23 Apr 2013, 17:19
ކްލިކް ކޮލެޖުން މިދިޔަ އަހަރު ހިންގި ކޯސްތައް ފުރިހަކުރި 188 އަށް ދަރިވަރަކަށް ކޯސް ފުރިހަކުރި ކަމުގެ ސަނަދު ދީފި އެވެ.
ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމީއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމެންޓް ޑިޕާރޓްމެންޓްގެ ހެޑް ޕްރޮފެސާ ކެވިން އޯގޯމަން އެވެ.
އެ ރަސްމީއްޔާތު ޝަރަފްވެި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕްރޮފިސަރު ވިދާޅުވީ އެޑިންބާގްގައި ހުންނަ ހެރިއެޓް-ވޮޓްގެ ކެމްޕަސްގައި ވެސް ހަމަ ކިޔަވާދެނީ އެއް ސިލަބަސް އަކަށް ކަމަށާއި ދަރިވަރުން ބައިވެރިވަނީ އެއް އިމްތިހާނެއްގައި ކަމަށެވެ. އަދި ހެރިއެޓް-ވޮތް ޔުނިވާރސިޓޯގެ އިމްތިހާނުން ފާސްވުމަކީ ފަސޭހަ ކަމަކަށް ނުވާ އިރު ކްލީކް ކޮލެޖުގެ ދަރިވަރުން ހޯދި ނަތީޖާ އަށް މަރުހަބާ ކި އެވެ. އަދި ވިދާޅުވީ މަސައްކަތުގެ ދާއިރާ އަށް ނިކުންނަ އިރު ލިބުނު ތަޢުލީމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ލިބިފައިވާ ހުނަރުގެ ބޭނުން ކޮށްގެން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.
ރޭގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮލެޖުގެ ރައީސް ނައުޝާދު މުހައްމަދު ވިދާޅުވީ 2012 އަހަރަކީ ކްލީކް ކޮލެޖުގް ތާރިޚުގައި ތަޢުލީމީގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެގޮތުން އެ ކޮލެޖުގެ ފަރާތުން ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ޕްރޮގްރާމް ހިންގާތާ 13 އަހަރު ވެފައިވާ ކަމަށެވެ. އެގޮތުން 98 އަށް ކުދިން މިޕްރޮގްރާމް ފުރިހަމަ ކޮށްފަވާ އިރު 30 ކުދިންނަކީ އެބީއީ ލެވެލް 6 ނިންމުމަށް ފަހު ހެރިއެޓް-ވޮޓް ޔުނިވާރސިޓީގެ ބެޗްލަސް ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2012 އަހަރުގެ އިމްތިހާނުގައި 104 ޑިސްޓިންކްޝަންސް އަދި 66 ހަޔާ ޑިސްޓިންކްޝަންސް ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކޮލެޖުގެ މި އަހަރުގެ ސަނަދު ދިނުމުގެ ރަސްމީއްޔާތަކީ ހެރިއެޓް-ވޮޓް ޔުނިވާސިޓީ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ގްރެޖުއޭޝަން ސެރެމެނީ ކަމަށެވެ އަދި 9 ދަރިވަރަކު ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބެޗްލަސް ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ކްލިކް ކޮލެޖުން ހިންގި ކާސްތަކުގެ ތެރެއިން ރޭ ސަނަދު ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ ހެރިއެޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީކޯސްތަކާއި ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި ޑިޕްލޮމާ އިންފޮނޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި އަދި އޭސީސީއޭގެ ސަރޓިފައިޑް އެކައުންޓިނގް ޓެކްނީޝަން ކޯހާއި، ފުރިހަމަ ކުރި ދަރިވަރުންނެވެ.
ރޭގެ ރަސްމީއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.