23 Apr 2013, 17:15
ބާރުސްޕީޑްގައި ސައިކަލް ދުއްވުމުގެ ސަބަބުން މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެ މީހާ މަރުވުމުން ސައިކަލް ދުއްވަން އިން މީހާގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ދެ ހާސް ނުވަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ގއ. ކޮނޑޭ، ކޮނޑޭގޭ އަބްދުﷲ މުލައިލު މުހައްމަދު ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ހދ. ކުޅުދުއްފުށީ ޕައިލަމް އާދަމް އަލީ މެދުޒިޔާރަތް މަގުން ސަލްޓަންޕާކް ކައިރިން ހުރަސް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ސައިކަލުން ޖެހި އޭނާގެ ބޮލުގެ ނާށިގަނޑު އެކިތަންތަނުން ފަޅައިގެން ގޮސް ސިނކުޑިއަށް ލޭ ޖަމާވެ ލިބުނު އަނިޔާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ޖެހިގެން އައި ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.
އެ އެކްސިޑެންޓްގައި ލިބުނު އަނިޔާ އަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އާދަމް އަލީ ނިޔާވެފައިވާކަން އައިޖީއެމް ހޮސްޕިޓަލްގެ ލިޔުންތަކުން ސާބިތުވާތީ މުލައިލުގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އާދަމް އަލީގެ މަރުގެ ދިޔައާ މެދު ދައުވާ ކުރަން ބޭނުން ނުވާ ކަމަށް އޭނާގެ ވާރިސުން ބުނެފައި ވާތީ މުލައިލުގެ އަތުން މަރުގެ ދިޔަ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
"... ނުރައްކާތެރިކޮށް އިންޖީނުލީ އެއްޗިހި ދުއްވުމުގެ ކުށުން އަބްދުﷲ މުލައިލު މުހައްމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް އަބްދުﷲ މުލައިލު މުހައްމަދުގެ ލައިސަންސް ހިފެހެއްޓުމަށް އަމުރުކޮށް، މި އެކްސިޑެންޓްގެ ސަބަބުން ނިޔާވި ހދ. ކުޅުދުއްފުށީ ޕައިލަމް އާދަމް އަލީގެ މަރުގެ ދިޔައާ މެދު ދައުވާ ކުރަން ބޭނުންނުވާކަމަށް އާދަމް އަލީގެ ވާރިސުން ބުނެފައިވާތީ އަބްދުﷲ މުލައިލު މުހައްމަދުގެ އަތުން މަރުގެ ދިޔަ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.